އަމިއްލަ ދަނޑުގައި ކުޅެ މެއިންޒް އަތުން ހޯދި މޮޅާއެކު ބަޔާ ލެވަކޫސަން އިން މި ސީޒަނުގައި ބަލިނުވެ 33 މެޗު ހަމަކޮށް ރެކޯޑު ހަދައިފިއެވެ.
ރޭ މެއިންޒް އަތުން ލެވަކޫސަން މޮޅުވީ 2-1 އިންނެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލޭވަކޫސަން ހޯދި 19 ވަނަ މޮޅެވެ.
ސްޕެއިންގެ ޒަބީ އަލޮންސޯގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދާ ލޭވަކޫސަން އިން މި ސީޒަންގައި މިހާތަނަށް ބަލިނުވެ ޖުމްލަ 33 މެޗު ހަމަކޮށްފައިވާއިރު އެ ޓީމުން މުގުރާލީ 2019/2020 އަދި 2020/2021 ވަނަ އަހަރު 32 މެޗު ބަލިނުވެ ހަމަކޮށްގެން ބަޔާން މިއުނިކުން ހެދި ރެކޯޑެވެ.
ޖަރުމަންގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކަށް އަދި ބަލިނުވެ ސީޒަނެއް ނިންމާނުލެވެއެވެ. މި ސީޒަންގެ ބުންޑަސްލީގާގައި ލޭވަކޫސަން އަށް ބާކީ އޮތީ 11 މެޗެވެ.
ރޭގެ މެޗުގައި ލެވަކޫސަންގެ ފުރަތަމަ ގޯލް މެޗުގެ 3 ވަނަ މިނެޓުގައި ޖަހައިދިނީ ގްރަނިޓް ޒަކާ އެވެ. އޭގެ އިރުކޮޅެއް ފަހުން ޑޮމިނިކް ކޯރް މެއިންޒް އަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ރޮބަޓް އެންޑްރިޗް ޖެހި ގޯލުން ލެވަކޫސަނުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.
މި ނަތީޖާއާއެކު ލެވަކޫސަން ވަނީ 23 މެޗުން 61 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެންމެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ދެވަނައިގައި އޮތް ބަޔާނަށް ލިބިފައިވަނީ 22 މެޗުން 50 ޕޮއިންޓެވެ.

