އިންސާނާގެ ހަށިގަނޑުގައި ކަށިގަނޑެއް ބިނދި، ރެނދު އެޅުން ފަދަ އަނިޔާއެއް ހިނގުމަށްފަހު އެއަނިޔާއެއް ފަސޭހަވަނީ ވަކި ގޮތަކަށެވެ. ނުވަތަ ވަކި ތަރުތީބަކުންނެވެ. އެގޮތުން ތަނެއް ބިނދުމަށްފަހު، ބިނދުނު ކަށިގަނޑު ގުޅި ރަގަޅުވަނީ އާކަށި އެހިސާބުގައި އުފެދިގެންނެވެ. އެގޮތުން ބިނދި ރެނދުލާފައިވާ ހިސާބުގައި އާކަށި އުފެދުމަށް ތަފާތު މަރުހަލާތައް ކަނޑަތުކުރެއެވެ. އެގޮތުން ކަށްޓަށްލިބޭ އަނިޔާ ފަސޭހަ ވަމުން އަންނަގޮތް ތިރީގައި މިވަނީ އެވެ.
- – ބިނދި ރެނދުލާފައިވާ ހިސާބުގައި "ގަނޑުލޭކޮޅު"ތައް އެއްވެގެން ދުޅައެއްހެން ހުންނަ ލޭ ބޮތްކެއް(haematoma) އުފެދުން
- – ބިނދުނު ހިސާބުގައި ދުޅައެއް އުފެދުމާއެކު، ދުޅައެއް އުފެދުމަށް ދޫކުރާ ދިޔަތައް ބިނދު ހިސާބަށް ޖަމާވެއެވެ. އެގޮތުން މިދިޔައިގައި "މެކްރަފޭޖް"(macrophage) ހުރެއެވެ. މެކްރަފޭޖް ތައް ކުރިން ބުނި ލޭބޮކި، އަދި ހިމުންވެފައިވާ ކަށިކޮޅުތައް(ލޭނުހިނގާ) ބިނދުނު ހިސާގައި ހުރިނަމަ އެކަށިކޮޅުތައް ވެސް ކައި ދިރުވާލަ އެވެ. މިމަސައްކަތަށް 5 ދުވަސްވަރު ހޭދަ ވެއެވެ. އެއަށްފަހު ބިނދު ހިސާބަށް އެހިސާބުގެ ޓިޝޫތައް އުފެދުމަށް އެހީތެރިވެދޭ "ފައިބްރަބްލަސްޓް"(fibroblast) ތައް ވާޞިލްވެ، އާ ލޭހޮޅިތަކާ، ޓިޝޫތައް އުފެދެން ފަށައެވެ.
- – ކަށި އުފައްދާ ގިނަ ސެލްތަކަކުން ކަށީގެ އެތެރޭބައިގައި ހިމެނޭ މާއްދާތައް ދޫކުރުމުން، ބިނދިފައިވާ ހިސާބު ގުޅޭގޮތް ވެއެވެ. އަދި އެހިސާބުގެ ބޭރުން މަޑުކަށީގެ ފަށަލަ އެއް ރައްކަލެއްގެ ގޮތުން އުފެދިގެން ދެއެވެ. ބިނދު ހިސާބުގައި ކަށްޓާއި، މަޑުކަށި ގުޅިގެން އުފެދިދާ ބަޔަށް ކިޔަނީ "ކެލަސް"(callus) އެވެ.
- – ޖެހިގެން އަންނަ ދެތިން ހަފުތާގެ ތެރޭގައި "ކެލަސް"(callus) ފުރިހަމަވެ، މަޑުކަށިތައް މަޑުމަޑުން އަސްލު ކަށްޓަށް ބަދަލުވެގެން ދެއެވެ. (5) – ޖެހިގެން އަންނަ ދުވަސްކޮޅުގެ ތެރޭގައި ބިނދުނު ހިސާބަށް ކަށީގެ ބައްޓަން ގެނައުމުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ. ކެލަސް ހުރަސްކޮށް، ގޮސް ކަށީގެ އެތެރޭބައިގެ މެދުގައިވާ މަގު ހުޅުވިގެން ދެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ގެއްލުންވި ހިސާބު އެއްކޮށް ރަގަޅުވެ، ކެލަސް ހުރި ހިސާބުގައި ކަށިތައް ހަރުވެ، ފުރިހަމަވެ، ވަރުގަދަވެގެން ދެއެވެ. ކަށި ބިނދުމަށްފަހު އަލަށް އުފެދޭ ހިސާބުގައި ކަށި ބޯވެފައި ވަރުގަދަކަން ފާހަގަ ކުރެވެއެވެ. އަދި އާންމުކޮށް ދެވަނަ ފަހަރަށް ހަމަ އެތަން ބިންދައިގެ ދިއުމުގެ ފުރުޞަތު ކުޑައެވެ.
ކަށްޓަށްލިބޭ އަނިޔާ ފަސޭހަވުން ލަސްކުރާ(ހުރަސްއަޅާ) ކަންތައްތައް
(ހ) – ބިނދިފައިވާ ހިސާބުގައި ހުންނަ ކުދި ކަށިކޮޅުތަކާ، ކުދިކުދި ޓިޝޫ ތައް : ކަށިގަނޑެއް ބިންދައިގެން ދިއުމުން ބިންދައިގެން ދިޔަ ހިސާބުގައި ބައެއް ފަހަރު ހުންނަ ކުދިކުދި ކަށިކޮޅުތަ(ފުނޑިފައި ހުންނަ)ކާ، ކުދިކުދި ޓިޝޫ ތައް، ފަސޭހަ ވަމުން އަންނަ އިރު އެހިސާބުގައި ހުންނަ މެކްރަފޭޖްތަކުން ދިރުވާ ނުލައި ހުރެދާނެ އެވެ. މިގޮތަށް ހުންނަ އެތިކޮޅުތަކުގެ ސަބަބުން ބިނދުނުތަން ފަސޭހަވުން ލަސްވެގެން ދެއެވެ.
(ށ) – އެކަށޭނަ ވަރަށް ލޭފޯރުކޮށް ނުދިނުން : ބިނދިފައިވާ ހިސާބަށް އެކަށޭނަ ވަރަށް ލޭފޯރުކޮށްނުދިނުމަކީ ބިނދުނު ތަނުގައި އާލޭހޮޅިތަކާ އެހެނިހެން ޓިޝޫތައް ހެދިބޮޑުވުން ލަސްކުރާނެ ކަމެކެވެ. ތަނަކަށް ލޭފޯރުވުން ދަށްވެއްޖެނަމަ އެހިސާބަށް އޮކްސިޖަން ދިއުން ވެސް ދަށްވާނެ އެވެ. އޮކްސިޖަން ލިބުން މަދުވުމަކީ ކަށި އުފައްދާ ސެލްތައް މަދުކޮށް، މަޑުކަށި އުފައްދާ ސެލްތައް އުފެދިގެން އައުން އިތުރުކުރާނެ ކަމެކެވެ. މިގޮތަށްވުމުން ބިނދުނުތަނުގެ ކަށިގަނޑު ގުޅިގެންދާނީ ހަމައެކަނި މަޑުކަށިންނެވެ. މިގޮތަށް މަޑުކަށިން ގުޅިގެންދިއުމަކީ ކަށި ދެރަވެ، ބަލިކަށިވާނެ ކަމެކެވެ.
(ނ) – ބިނދިފައިވާ ކަށިގަނޑުގެ ދެކޮޅު ހުރިގޮތް : ކަށިގަނޑެއް ބިނދިފައި ހުންނައިރު ބިނދިފައިވާ ތަނުން ކަށިގަނޑުގެ ދެފަރާތް، އެކި ގޮތްގޮތަށް އެއްވެސް ކަހަލަ ހަމައެއް ނެތްގޮތަށް (ކަން ކުއްޗަށް، ގުދުގުދު ހުރެފައި) ހުންނަނަމަ، އެއްވެސް އިންތިޒާމެއް ނެތްގޮތަށް ވަރަށް ބޮޑު "ކެލަސް" އެއް ބިނދުނު ހިސާބުގައި އުފެދުމަކީ ވެދާނެ ގޮތެކެވެ. އަދި މިގޮތަށް އުފެދޭ ކެލަސްގެ ސަބަބުން ދާއިމީ ޢައިބެއް ބިނދުނު ހިސާބުގައި އުފެދުމަކީ ވެދާނެ ގޮތެކެވެ.
(ރ) – ބިނދިފައިވާ ކަށިގަނޑުގެ ދެފަރާތުން ހަރަކާތްކުރުން : ކަށިގަނޑު ބިނދުމަށްފަހު ރަގަޅުވާއިރު ހުންނަންޖެހޭނީ ގުޑުން ނާރާނެ ގޮތަކަށެވެ. މާބޮޑަށް ގުޑުންއަރައި ކަށިގަނޑުގެ ދެފަރާތަށް ހަރަކާތް އަންނަ ނަމަ ފަސޭހަވަމުން އަންނައިރު ކަށިގަނޑު މަތީގައި ލަކުނުލުމަކީ ވެދާނެ ގޮތެކެވެ.
ބ) – އެހެނިހެން ކަންތައްތައް :
- ބައެއް ކަހަލަ އިންފެކްޝަންތައް ޖެހުން : މިސާލަކަށް "އޮސްޓީއަމައިއެލައިޓިސް" ފަދަ ކަށްޓަށްޖެހޭ އިންފެކްޝަން ޖެހުމުން ބިނދުނުތަން ފަސޭހަނުވެ ދިގުލައި ދިއުމަކީ ވެދާނެ ގޮތެކެވެ.
- ބައެއް ކަހަލަ ބޮޑެތި ބަލިތައް ޖެހުން
- ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުމަކީ ބިދުނުތަން ފަސޭހަވުން ލަސްވެދާނެ ކަމެކެވެ.
- އުމުރުން ދުވަސްވުން: އުމުރުން ދުވަސްވީ މީހުންގެ އަތެއް ފަޔެއް ތަނެއް ބިންދައިގެން ހިގައްޖެނަމަ ފަސޭހަވުމަށް ގިނަ ދުވަސްނަގާކަން ފާހަގަ ކުރެވެއެވެ.

