ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރުކޮޅު މިދިޔަ ސަރުކާރުން ވަނީ މާރުކޮށްލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށް ގެންދަވާ “އަހާ” ފޯރަމްގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ގެންނާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވަނީ މި ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެސްޑީއެފްއަށް ފައިސާ ޖަމާކުރަމުން ކަމަށާއި ރާއްޖޭގެ ދަރަނިތައް އަނބުރާ ދެއްކުމަށް، މި ފަންޑު ހިމާޔަތް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިކަމާއި ބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި ސޮވްރިން ފަންޑަށް އިންވެސްޓްކޮށްގެން ނަފާ ހޯދުމުގައި އަމަލުކުރަންޖެހޭ ސިޔާސަތުތަކާއ، މި ފަންޑު ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަނީ ބަޔާންކޮށްފަ އެވެ.
ސޮވްރިން ފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސޯދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމެވެ.
ރޭގެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކަށް އަދާކުރަން ޖެހޭ 120 ބިލިއަން ރުފިޔާގެ ދަރަނި މަޑު މަޑުން ދައްކަމުން އަންނަ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެކި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކި އޮފިސްތަކަށް ރައްޔިތުން ކޮށްދީފައިވާ މަސައްކަތަކާއި ގުޅިގެން ރައްޔިތުންނަށް ދައްކަން ޖެހޭ 9،000 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށެވެ.
ރައީސް ވަނީ ރާއްޖޭގެ އިގްތިސާދާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ. ނަމަވެސް ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް އެތައް މަސަކަތެއް ކުރެވެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

