ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މި ދުނިޔެއާ އަލްވަދާޢު ކިޔާނޭ މީހެކެވެ. އިންސާނުން ޚަލްޤުކުރައްވައި މި ދުނިޔެއަށް ފޮނުއްވުނީ އެއްވެސް ބޭނުމަކާނުލައި ބޭކާރުގޮތުގައި ކަމަށް ދުށުމީ، ހަމަބުއްދި ހުރި މީހެއްގެ ޟަމީރު ޤަބޫލު ކުރާނޭ ކަމެއްނޫނެވެ.
މުސްލިމުންގެ ޢަޤީދާއަކީ، އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމުގައި ޤަބޫލުކުރުމެވެ. ދުނިޔެވީ ޙަޔާތުގެ ބޭނުމަކީ ހަމައެކަނި މި ދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރުން ކަމުގައި ދެކިގެންތިބެ މަސައްކަތްކުރުމީ، ތިމާ މި ދުނިޔެއަށް އައި މަޤްޞަދު އޮޅުވާލުންކަމުގައި ނޫނީ ނުވާނެއެވެ. ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބު ދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލު ކުރަންޖެހެއެވެ. އެ ދުވަހީ ހަމަޔަޤީނުން ވެސް އާޚިރަތް ދުވަހެއެވެ. ޚަލްޤުތަކުންގެ ވެރި اللهގެ ޙަޟްރަތަށް އެންމެހައި ޢަމަލުތައް ރުޖޫޢަ ކުރެވޭނޭ ދުވަހެވެ. ދުނިޔެމަތީގައި އެބައިމީހުން ކޮށްފައިވާ ކަންތައްތަކުގެ ހިސާބު ބެލެވި ޢަދުލުވެރި ޖަޒާ ދެވޭނޭ ދުވަހެވެ. މިކަމަށްޓަކައި އެންމެހައި ޚަލްޤުތަކުން މަޙުޝަރު މައިދާނަށް އެއްކުރެވޭނޭ ދުވަހެވެ. އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. އެ ދުވަހު، اللهގެ އިޛްނަފުޅާ ލައިގެން މެނުވީ ހަމަ އެކަކަށް ވެސް ބަސް ބުނުމުގެ އިޚްތިޔާރެއް ނޯންނާނެއެވެ. އެ ދުވަހުގައި އެއްވެސް މީހަކު ދެވަނަ މީހަކަށް ބަލައެއް ނުލާނެއެވެ.
އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އާޚިރަތް ދުވަހަށާއި އެ ދުވަހު ވާނޭކަމަށް الله އަންގަވާފައިވާ އެންމެހައި ކަންތައްތަކަށް އީމާން ނުވާމީހަކު މުސްލިމަކު ކަމުގައި ނުބެލެވޭނެއެވެ. ކަމުގެ މުހިއްމުކަމަށްޓަކައި، ކީރިތި ޤުރްއާނާއި ރަސޫލު الله صَلَّى اللهُ عَلَيْهِ وَسَلَّمގެ ޙަދީޘްފުޅުތަކުގައި اللهއަށް އީމާންވުމާ ވިދިގެން އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ ވަރަށް ގިނައިން އައިސްފައިވެއެވެ.
އާޚިރަތް ދުވަހަށް އީމާންވުމަކީ ބުއްދީގެ ހަމަތަކުން ބެލިކަމުގައި ވިއަސް ޤަބޫލުކުރަން ޖެހޭކަމެކެވެ. އެ ދުވަހަށް އީމާންނުވާ ގިނަ މީހުން ދެކޭގޮތުގައި، މީހާ މަރުވުމަށްފަހު އޭނާގެ ކަށިތައް ފީވެ، ވެއްޔަށްވެ ދިއުމަށްފަހު، އަލުން އެ ކަށިތަކަށް ދިރުމެއް އަތުވެދާނެކަމީ މުސްތަޙީލު ކަމެކެވެ. އެހެނަސް، ނެތުމުގެ ތެރެއިން ފުރަތަމަ ފަހަރަށް އިންސާނާ ޚަލްޤުކުރެވުނު ގޮތާ މެދު ވިސްނާލައިފިނަމަ، ފަނާވެ ދިއުމަށްފަހު އަލުން ދިރުވުމަކީ ވެދާނޭކަމެއް ކަމުގައި ޤަބޫލު ކުރަންޖެހެއެވެ.
ކޮންމެ މީހަކީ ވެސް ކޮންމެ ވެސް އެއް ދުވަހަކުން މަރާ ކުރިމަތިލާނޭ މީހެއްކަން ޤަބޫލުކުރެވޭއިރު، މަރުވުމަށްފަހު އެހެން ޙަޔާތެއް އޮތްކަން ދެނެގަނެ، ވަގުތު ފާއިތުވެ ނުދަނީސް ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރަން މަސައްކަތްތަކެއް ކުރަން އަވަސްވެގަންނަމާ ހިނގާށެވެ! ޢުމަރުގެފާނުގެ ބަސްފުޅެއްގައި ވެއެވެ. “ތިޔަބައިމީހުންގެ ހިސާބުތައް ބެލެވޭ ދުވަސް އައުމުގެ ކުރިން އަމިއްލައަށް ތިމާމެންގެ ހިސާބުތައް ބަލާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ވަޒަން ކުރެވުމުގެ ކުރިން ތިމާމެން އަމިއްލައަށް ތިމާމެންގެ ޢަމަލުތައް ވަޒަން ކުރާށެވެ! އެހެނީ، ދުނިޔެއަކީ ޢަމަލު ކުރުމުގެ މައިދާނެވެ. ޙިސާބު ބެއްލެވުމެއް ދުނިޔެމަތީގައި ނުވެއެވެ. ނަމަވެސް، މާދަމާ، ޤިޔާމަތް ދުވަހުން އޮންނާނީ ހިސާބު ބެއްލެވުމެވެ. އެ ދުވަހަކު ޢަމަލު ކުރުމެއް ނޯންނާނެއެވެ.”
މައުލޫމާތު: الدُّكْتُورُ مُوسَى أَنْوَر حَسَن / ދީނުގެމަގު

