ދަމުނަމާދުގެ މާތްކަމާ ބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވެއެވެ. އަރާމު ތަންމަތި ދޫކޮށް ރޭއަޅުކަން ކުރުމަށް ތެދުވުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ބިރުވެތިކަމާއި އުއްމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ.” (سورة السجدة 16)
ދަމުނަމާދުކޮށް، ހާރުދަމުގެ ވަގުތު މާތް ﷲއަށް އިސްތިޣްފާރު ކުރާ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން އަންގަވަނީ ﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ﴾ (الذاريات: ١٧) މާނައީ: “އެއުރެން ނިދައި އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތު ކޮޅެއްގައެވެ.” ﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ (الذاريات: ١٨) މާނައީ: “އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދެއެވެ.”
ދަމުނަމާދު ކުރެއްވުމަށް ޒުވާން ޞަޙާބީ ބޭކަލުންނަށް ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ހިތްވަރުދެއްވެވިއެވެ. މި ގޮތުން ޢަބްދުﷲ އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَاއަށް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “نِعْمَ الرَّجلُ عبدُ اللَّهِ لَو كانَ يُصَلِّي مِنَ اللَّيْلِ”(متفق عليه) މާނައީ: “ރޭއަޅުކަން ކުރައްވައި އުޅުއްވާނަމަ، ޢަބްދުﷲ އަކީ، ހައުދަހައިވާ ރަނގަޅު ބޭކަލެކެވެ.” އިބްނު ޢުމަރު رَضِيَ اللهُ عَنْهُގެ ދަރިކަލުން ސާލިމް ވިދާޅުވިއެވެ. “މި ބަސްފުޅު އިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕާފުޅު ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅަކަށް މެނުވީ ނިދި ނުކުރައްވައެވެ.”
ރޭގަނޑު ތިން ބައިވާ ހިނދު، ޢާލަމްތަކުގެ ވެރި އިލާހު، ދުނިޔޭގެ އުޑަށް ނުޒޫލުވެ-ވޮޑިގަންނަވާކަން އަންނަނިވި ޙަދީޘުން އެނގެއެވެ. “يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ” (متفق عليه.) މާނައީ: ” ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ.”
ދަމުނަމާދު ކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާ ކުއްތަން ވުމާއި، ފާފަތައް ފުހެވިގެން ދިޔުމާއި، ފާފަތައް ކުރުމާ މެދު ހިތުގައި ނަފުރަތު އުފެދުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޞިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާލިބުން ވެސް ހިމެނެއެވެ.
ހާރުދަމުގެ ވަގުތުގައި މީސްތަކުން ފުން ނިދީގެ ތެރެއަށް ގެނބިފައިވަނިކޮށް، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ޙަޟްރަތުގައި ދަންނަވާށެވެ! އެންމެ ދުޢާއެއްގެ ސަބަބުން ވެސް ހުރިހާކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

