ހިތް ހަރުވުމުގެ މާނައަކީ ހިތުން ކުލުނުވެރިކަމާއި، އޯގާވެރިކަން ފިލައި ދިޔުމެވެ. ޚުޝޫޢަތްތެރިކަމާއި، މަޑުމޮޅިކަން ފިލައި ދިޔުމެވެ.
ފާފަތަކާއި އުރެދުންތަކުގެ ސަބަބުން ހިތުގައި ދަބަރު ޖަހައި، ހިތް ފާސިދުވެގެންދެއެވެ. كَلَّا، بَلْ، رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَﱠ (المطففين: ١٤) މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައި އުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރު ޖަހާފައި ވެއެވެ.” މި އާޔަތުގެ ތަފްސީރު ސުންނަތުގައި އައިސްފައިވެއެވެ. “إِنَّ العَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ، فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ، وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ، وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ” [رواه الترمذي (3334) و قال حديث حسن صحيح، وحسنه الألباني] މާނައީ: “ހަމަކަށަވަރުން އަޅަކު ފާފައެއް ކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. ފަހެ، އޭނާ އެ ފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާ ވެއްޖެނަމަ، އޭނާގެ ހިތް ސާފުވެދެއެވެ. އަދި އޭނާ އެ ފާފަ ކުރުމަށް އެނބުރި ގޮސްފިނަމަ އޭނާގެ ހިތް މުޅިން ފޮރުވެންދެން ތިކިތައް އިތުރުވެދެއެވެ. ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އަކީ އެއީ އެވެ.”
ޒުމަރު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “ފަހެ ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކު ހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.”
ހިތް އިޞްލާޙު ކުރުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައި ވެއެވެ. “ألَا وَإِنَّ فِي الْجَسَدِ مُضْغَةً، إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ؛ أَلَا وَهِيَ الْقَلْبُ” (متفق عليه) މާނައީ: “ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިޞްލާޙު ވެއްޖެނަމަ، މުޅި ހަށިގަނޑު އިޞްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަ ވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.”
ހިތް ހަރުވުމުގެ ބަލީގެ އެންމެ މޮޅު ފަރުވާއަކީ ގިނަގިނައިން ޒިކުރު ކުރުމާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނާ ފިކުރު ކުރުމެވެ. لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ، وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ (الحشر: ٢١) މާނައީ: “ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤުރުއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާ އަށް ފެންނާނެއެވެ”.
ޞާލިޙު އަޅުވެރިންނާއެކު ވަގުތު ހޭދަކުރުމާއި، ނިކަމެތިންނަށް އެހީވުމާއި، ގިނަގިނައިން މަރު ހަނދާން ކުރުމުން ވެސް ހިތް މަޑުމޮޅިވެއެވެ. ފާފައާއި ޣަފުލަތުގެ ސަބަބުން ހިތުގައި ޖަހާ ދަމިލަތައް ސާފުކޮށް، ހިތް ޠާހިރުކުރުމަކީ އާދައެއްކަމުގައި ހަދަންޖެހެއެވެ. ޔާ ﷲ! އަޅަމެންގެ ހިތްތަކަކީ އިބައިލާހަށް ކިޔަމަންތެރި ހިތްތަކެއް ކަމުގައި ލައްވާނދޭވެ! އަޅަމެންގެ ދުޢާ ޢިޖާބަ ކުރައްވާނދޭވެ! އާމީން!
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

