އިގުތިސޯދީ ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުން އަނބުރާ ދަައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދޭ ޑިވެލޮޕްމަންޓް ބޭންކު މި އަހަރުތެރޭ ރާއްޖޭގައި އުފައްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިވެލޮޕްމަންޓް ބޭންކުތަކުން އާންމުކޮށް ލޯނާއި ގްރާންޓާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށާއި އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަމާއި ތައުލީމާއި ސިއްހީ ފަރުވާ އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށް ރައީސް ވިދާޅުވަމުން ދާ ކަމަށެވެ. އެހެންކަމުން ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ރައީސް އެދިވަޑައިގަތުމަށް ޔަގީންކަން މި އަރުވަނީ އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކެއް ގާއިމުވެގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ބޭންކާއެކު ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ އެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާ ހައުސިން ފައިނޭންސްއާ ގުޅޭ މަސައްކަތް ވެސް ބާރަށް ކުރިއަށްދާން މެދުވެރިއަކަށް އެ ބޭންކު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަމާ ގުޅޭ އެ ވައުދުތަކުގެ ތެރޭގައި ފަސް ޕަސެންޓް އިންޓަރެސްޓުގައި ލުއި ލޯނު ތައާރަފުކުރުމާއި ބޯހިޔާވަހިކަމަށް ހާއްސަ “ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް” އެއް ގާއިމުކުރުން ހިމެނެ އެވެ.

