އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢުއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ބޮޑުތިލަދުންމައްޗަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯރަފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ.
އެއަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އެމަނިކުފާނާއި ސަރުކާރުގެ ބޮޑު ތަޞައްވުރެއް އެބައޮތްކަމަށެވެ.
އެގޮތުން މި ސަރަޙައްދަށް އަންނާނެ އެންމެ ބޮޑު މަޝްރޫޢުއަކީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު ވެގެންދާނީ، މުޅި ރާއްޖޭގައިވެސް ހިންގޭ އިޤްތިޞާދީ އެންމެ ބިޔަ، ބޮޑު މަސައްކަތައް ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ހޯރަފުއްޓެކޭ އެއްގޮތަށް، ސަރަޙައްދުގެ ހުރިހާ ރަށްތަކަށް އޭގެ ބޮޑު މަންފާއެއް ލިބޭނެ މަސައްކަތަކަށް ކަމަށެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖެ މިހާރު އޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އާމްދަނީ އިތުރުވެ އަދި މި ސަރަޙައްދުގައި އެތައް ހާސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ސަރުކަރުގެ ބޮޑު 5 ކުންފުންޏެއް ހިމެނޭގޮތަށް މި މަޝްރޫޢު ހިންގުމަށްޓަކާ "މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން"ގެ ނަމުގައި ކުނުންފުންޏެއް ވަނީ އުފައްދާފައި. އެ ކުންފުނި މި އޭރިއާގައި ފަށާ މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެ ބޮޑު މަސައްކަތައް. އެތަށް ހާސް ވަޒީފާ އުފެދޭނެ." ރައީސް ވިދާޅުވިއެވެ.
ހޯރަފުށީގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން އިސްކަން ދެއްވާ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ މަސައްކަތް ގެންދިއުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2 މިލިއަން ރުފިޔާކަމަށެވެ.
އެހެންނަމަވެސް އެއީ މިފަދަ ބޮޑު މަޝްރޫއެއްގެ ކުޑަ މިންވަރެއްވެސް ގެންދެވޭނެ ބަޖެޓެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުގައި ޚާއްސަ އިސްކަމެއް ދީގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ހޯރަފުށީ ހޮސްޕިޓަލް މަސައްކަތް އަވަސްކުރުމާއި ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ ޕްރޮޖެކްޓާއި ރަށުގައި ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

