މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަ ސްޓޭޝަން ތަކުން ނަގާ ފީ ކުޑަ ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ވެމްކޯއިން ބުނީ، މާޗު 1، އިން ފެށިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ވެމްކޯއިން ބުނީ މީގެ ކުރިން ޓްރާންސްފަ ސްޓޭޝަން ތަކަށް ޢާންމުން ގެންނަ ކުންޏަށް ނަގަނީ ޓަނަކަށް 1060 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް، މިއަގު އަންނަ މާރޗް މަހުން ފެށިގެން 750 ރުފިޔާއަށް ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު މާލެ ސިޓީން ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގަމުން ދާނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.
“އަގަށް ގެނެވުނު ބަދަލާއެކު މާލެ ސިޓީގައި ވެއި ބްރިޖު ގާއިމު ކުރެވިފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ފީ ނަގާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750 ރުފިޔާގެ މަގުން” ވެމްކޯއިން ބުނެ އެވެ.
މިގޮތުން ވެމްކޯއިން ބުނީ، ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން، ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާގެ މަގުން ފީ ނަގާނެ ކަމަށާއި، އަދި ވެއި ބްރިޖު ގާއިމު ކުރެވިފައި ނުވާ ފެސިލިޓީތަކުން އާންމުން އަތުން ނަގަމުންދާނީ ޓަނަކަށް 750 ރުފިޔާ ކަމަށެވެ.

