ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގައިވެސް ތަފާތު ފަސާދަތައް ފެތުރެމުންދާކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ކަރަޕްޝަނެވެ.
ކޮންމެވެސް ނުފޫޒު ހުރި މީހަކު އޭނާ އާ ކޮންމެވެސް ގުޅުމެއް އޮންނަމީހަކަށް، ނަހަމަ ގޮތެއްގައި ވަޒީފާއެއް ހޯދައި ދިނުމާއި، މީހުންނަށް ޙައްޤުނޫން ޚިދުމަތް ދިނުމާއި، ރައްޓެހިކަމުގެ ބޭނުން ހިފައިގެން ކިއުތައް ގިރާކޮށްލާފައި ޚިދުމަތްތައް ލިބިގަތުމާއި، ތަކެތީގެ ޙަޤީޤީ އަގަށްވުރެ ބޮޑު އަގުތަކަށް ބިލް ހުށަހަޅުވުމާއި، މިނޫންވެސް މިފަދަ އެތައް ކަމެއް މުޖްތަމަޢުގައި ހިނގަމުންދާ ކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.
އިސްލާމީޝަރީޢަތުގެ މަޤްޞަދަކީ، ފަސާދަ ތައް ދުރުކޮށް، މަންފާ ހުރި ކަންތައްތަކަށް މަގު ފަހިކޮށް ދިނުމެވެ. އެހެންކަމުން، ފަސާދައިގެ މާނަ ހިމެނޭ ކޮންމެ ކަމެއް ޙަރާމް ކުރައްވައި އެއިން ދުރުހެލިވެގަތުމަށް އިސްލާމްދީން ގޮވާލައްވާފައި ވެއެވެ. މިގޮތުން ބަލާއިރު މީސްތަކުންގެ މުދާ ބާޠިލު ގޮތްގޮތުން ކެއުން ޙަރާމްކުރައްވައި، ވަޙީކުރައްވައިފައިވެއެވެ. ﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ﴾ (البقرة: ١٨٨) މާނައީ: “އަދި ހުއްދަނޫން ގޮތްގޮތުން އެއްބަޔަކު އަނެއްބައެއްގެ މުދާ، ތިޔަބައިމީހުން ކައިނޫޅޭށެވެ! އަދި އަނެކުންގެ މުދަލުން ބައެއް، ނުޙައްޤުން ތިމާމެންނަށް ލިބިގަތުމުގެ ނިޔަތުގައި ވެރިންނާއި ފަނޑިޔާރުންގެ ގާތަށްގޮސް ރިޝްވަތުދީ، ދޮގުހުވައިކޮށް ނުހަދާށެވެ! އެހެންނާ މިކަންތައްތަކަކީ ފާފަވެރިވެދާ، ޙަރާމް ކަންތައްތަކެއްކަން ތިޔަބައިމީހުން ރަނގަޅަށް ދަންނަމުއެވެ. ”
މާތްނަބިއްޔާ ﷺގެ ބަސް ފުޅެއްގައި ވެއެވެ. “لَعْنَةُ اللَّهِ عَلَى الرَّاشِي وَالْمُرْتَشِي” (رواه أحمد) މާނައީ: ރިޝްވަތުދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށް الله ލަޢުނަތް ލައްވާނދޭވެ!” އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަކީ މުސްލިމް ޤައުމަކަށް ވީއިރު ޤައުމުގައި އޮންނަންޖެހޭ އަމަން އަމާންކަން އޭގެ ފުރިހަމަ ދަރަޖާގައި އޮންނާނީ އަޅުގަނޑުމެންގެ ތެރޭގައި ޙައްޤާއި ބާޠިލްވަކިވެ، ބާޠިލް ގޮތްތަކުން އެއްކިބާވެވި، ޙައްޤަށް އިސްކަން ދީގެންނެވެ.
އަޅުގަނޑުމެން ތެރޭގައި ރިޝްވަތާއި ކަރަޕްޝަނާއި މަކަރާއި ޙީލަތްތެރިކަން ދިރިއުޅުމުގެ ކަންކަމަށް ވަދެ، ފޭދެމުންދާ ވަރަކަށް އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދާނީ ރޫޅެމުންނެވެ. މުޖްތަމަޢުގެ އެކިއެކި ބައިތައް ދާނީ އަމިއްލަ އެދުންތަކަށް ތަބާވެ ޢަދުލު އިންޞާފުން އެއްކިބާވަމުންނެވެ. މިކަން ކަމާހުރެ ޤައުމަށް ލިބެންވާ ކުރިއެރުން އޮންނާނީ ނުލިބި ހުއްޓިފައެވެ. ޤައުމުގެ ސިލްމާއި ސަލާމަތު ފުށުންޖެހިފައެވެ.
މައުލޫމާތު: الدُّكْتُورُ مُوسَى أَنْوَر حَسَن / ދީނުގެމަގު

