ގދ ތިނަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލާފައިވާ ކެންޑިޑޭޓް ނަންބަރ 1،މުހައްމަދު އަލްސަން އަހުމަދު ގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ތިނަދޫ ދެކުނު ދާއިރާ ގައި ޚާއްސަ ޖަލްސާ އެއް ބާއްވައިފިއެވެ.
ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާ ފެށުމަށް ކީރިތި ޤުރުއާން ކިޔެވީ ވެސް އަލްސަންއެވެ.

އަލްސަންގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާގެ ތެރެއިން އަލްސަންގެ ސަޕޯޓަރުން/ފޮޓޯ: އަލްސަންގެ ކެމްޕެއިން އޮފީސް
ޖަލްސާގައި ވާހަކަ ދައްކަމުން އަލްސަން ވަނީ އޭނާ ތިނަދޫ ދެކުނުދާއިރާ އާއި މެދު ދެކޭ ތަސައްވުރު ހާމަކޮށްފައެވެ. އަދި އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އިޚްލާޞްތެރި ކަމާއެކު ހެޔޮ ނިޔަތުގައި ވަކި އަތަކަށް ނުޖެހި ރައްޔިތުންގެ ޙައްޤު ގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
އަލްސަންގެ ކެމްޕެއިން އޮފީސް ކުރިމަތީގައި ރޭ ކުރިޔަށް ގެންދިޔަ މި ޖަލްސާގައި އޭނާއަށް ތާއީދު ކުރާ ބައެއް މީހުން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅު ކޮށްފައެވެ.
އޭގެ ތެރޭގައި މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ އަލްސަންއަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.
ނާޒިމްގެ ވާހަކައިގައި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙު ދާ ގޮތުން ޕާޓީ ނިޒާމު ވަނީ ވިއްސި ވިހާލި ވެފައި ކަމަށާއި މަޖިލީހަށް މިހާރު މުހިންމު ވަނީ މިނިވަން، ޒުވާން އަދި ކިޔަވައިގެން ތިބި މީހުން ކަމުގައި ފާހަގަ ކުރެއްވިއެވެ.
ރޭ ކުރިޔަށް ދިޔަ މި ޖަލްސާ ގައި ތިނަދޫ ދެކުނު ދާއިރާ އަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި އިރު އޭގެ ތެރޭގައި އެކި އުމުރު ގެ މަސްވެރިން ތިބި ކަން ފާހަގަ ކުރެވެއެވެ.

