އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތުއާ ވާދަކޮށް މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްލިއިރު ތިންވަނައިގައި އޮތް އާސެނަލުން ނިއުކާސަލް އަތްދަށުކޮށް ފޯމު ދަމަހައްޓައިފިއެވެ.
ރޭ ރަށުން ބޭރުގައި ކުޅެ ސިޓީން ބޯންމައުތު ބަލިކުރީ 1-0 އިންނެވެ. މެޗުގެ ދެ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، މެޗު ޑޮމިނޭޓުކުރީ ސިޓީ އިންނެވެ. ދެ ހާފުގައި ވެސް އެޓީމުން ވަނީ ގޯލު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަަމަ ހާފުގެ ކުރީކޮޅު ސިޓީގެ އިތުބާރު ފޯވާޑް ނޯވޭގެ އާލިންގް ހާލަންޑަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ސިޓީން މެޗުގައި ޖެހި ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ފިލް ފޮޑެން އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 26 މެޗުން ސިޓީ އަށް 59 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަނެއްކޮޅުން ރޭގެ މެޗުން ބަލިވި ބޯންމައުތް އޮތީ 28 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.
ސިޓީން ދެވަނަ އަށް ޖެހިލިއިރު އާސެނަލުން ވެސް ވަނީ އެ ޓީމުގެ މެޗު ކާމިޔާބުކޮށް ލީގު ރޭސް އިތުރަށް ފޯރިގަދަކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅެ އާސެނަލުން ނިއުކާސަލް ޔުނައިޓެޑު ބަލިކުރީ 4-1 އިންނެވެ.
ލީގުގައި މިވަގުތު އޮތް އެންމެ ފޯމު ރަނގަޅު ޓީމު ކަމަށްވާ އާސެނަލުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ސްވެން ބޮޓްމަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގެބްރިއެލް މާޓިނެލީގެ އެހީތެރިކަމާއެކީ ކައި ހަވާޓްޒް އާސެނަލްގެ ލީޑު ފުޅާކޮށްދިންއިރު 65 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ގޯލް ޖެހީ ބުކާޔޯ ސަކާ އެވެ. ސަކާގެ ގޯލަކީ ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.
ސަކާ ގޯލު ޖެހިތާ ހަތަރު މިނެޓު ފަހުން ޑެކްލަން ރައިސް ދިން ބޯޅައެއްގައި އާސެނަލްގެ ހަަތަރު ވަނަ ގޯލް ޖެހީ ޔޭކޮބް ކިވިއޯ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ނިއުކާސަލް އަށް ސުންކަނޑުވައިދިނީ ޖޯ ވިލޮކް އެވެ.
ލީގުގައި ޖެހިޖެހިގެން ހޯދި ހަވަނަ މޮޅާއެކީ އާސެނަލުން ވަނީ 58 ޕޮއިންޓް ހަމަކޮށްފައެވެ. ތާވަލުގެ ތިންވަނައިގައި އެ ޓީމު އޮތްއިރު ރޭ އާސެނަލް އަތްދަށުވި ނިއުކާސަލް އޮތީ 37 ޕޮއިންޓާއެކު އަށްވަނައިގައެވެ.

