ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ބައިވެރިވެވަޑައިގެންފިއެވެ.
ކަސްޓަމްސް ހޯލްގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މިޖަލްސާގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢެއްގެ ނުވަތަ ޤައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ކުރިއަށް ދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ގާލް ގައިޑުގެ ހަރަކާތްތަކުން ދަސްކޮށްދޭ ހުނަރުތަކާއި، ޢިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގާލް ގައިޑު އެސޯސިއޭޝަނުގެ ތެރެއިން ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނާސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖު ހަވާލުކޮށް ދެއްވާފައެވެ.
މިޖަލްސާގައި ގާލް ގައިޑް އެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގާލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވައިފައެވެ.

