ފާހާނާ ތަށި މަތީ ގިނައިރު ހޭދަކުރުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ބަލިތަކަށް މީހާ ހުށަހެޅުމަށް މަގުފަހިކުރުވާ ކަމެއް ކަން އިނގެނީ ތިޔައިގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟
ސްމާޓްފޯން ބޭނުންކުރާ ކޮންމެ މީހަކުވެސް ފޯނު ހިފައިގެން މަދުން ނަމަވެސް ފާޚާނާ އަށް ވަދެފައި ހުންނާނެކަން ޔަގީނެވެ. ބައެއް ފަހަރު އެއީ ފާޚާނާގައި އިންނަ ވަގުތުކޮޅު ވެސް ބޭކާރުކޮށް ނުލުމަށް ކަމަށް ވެދާނެ އެވެ. ބައެއް މީހުންނަށް ފާހާނާ ތަށި މަތީގައި ހޭދަކުރާ ވަގުތަކީ ވަރަށް ވެސް މުހިއްމު ވަގުތެކެވެ. ނޫސް މަޖައްލާ ހިފައިގެން ފާޚާނާއަށް ވަންނަ ވަނުން އެވޯލްވެ މިހާރު ފާހާނާ އަށް ދާން ޖެހުމުން އެންމެ އަވަހަށް އަތު ޖައްސާލަނީ ފޯނެވެ. ފޯނުގައި ޗާޖު ނެތްނަމަ ޗާޖު ވަންދެން ހުންނަނީ ހިފަހައްޓާލަނީއެވެ. ފާހާނާ ތަށި މަތީ އިންނަ ވަގުތަކީ ގިނަ މީހުންނަށް، ދުނިޔެއާ އެކަހެރިވެ، ހަމަޖެހިލައިގެން އިނދެ ހަބަރު ކިޔާލައި ނުވަތަ ޓިކްޓޮކު ބަލާލަން ލިބޭ އެންމެ ފަސޭހަ ވަގުތެވެ. ތަށި މަތީ އިންނަ އިރު ވަގުތު ހިނގާގޮތް ނޭނގޭ މިންވަރަށް ފޯނަށް ގެނބިގެންދަނީއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުން ފާހާނާ ތަށި މަތީގައި މަދުވެގެން 20 މިނެޓު ހޭދަކުރާއިރު އަންހެނުން 15 މިނެޓު ހޭދަކުރެއެވެ. ތަށި މަތީ ގިނައިރު ވަނީވެސް ފޯނަށް ގެއްލިފައި އިންނަ އިނުމުގެ ސަބަބުން ކަމަށް ދިރާސާތަކުން އިނގޭއިރު މިއީ ކިހާ ގެއްލުން ހުރި ކަމެއްތޯ ބަލާލަމާ ހިނގާށެވެ.

ފުރަތަމަ ކަމަކީ ފާހާނާ ތަށި މަތީ ގިނައިރު އިނުމުގެ ސަބަބުން ގޮހޮރުގެ ތަފާތު އެކި އެކި ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުމުގެ ފުރުސަތު ހީކުރެވިފައިވާ މިންވަރަށް ވުރެ ބޮޑެވެ. އޭގެ ތެރޭގައި ފުރަގަސްފަރާތު ބަލި، ކެންސަރު އަދި ގޮހޮރުގައި ފާރުހެދުން ފަދަ ބަލިތައް ހިމެނެއެވެ. މިފަދަ ބަލިތަކަކީ ދިވެހި މުޖުތަމައު ތެރޭގައި ވެސް އާންމުވަމުން އަންނަ ބަލިތަކެވެ. ހާއްސަކޮށް ފުރަގަސްފަރާތު ބައްޔަކީ ވަރަށް ގިނަ މީހުން ތަހައްމަލް ކުރަމުން އަންނަ މައްސަލައެކެވެ.
އިނގިރޭސިވިލާތުގެ ނޫސް މަޖައްލާއެއްގައި ގޮހޮރުގެ މައްސަލަތަކާބެހޭ ހާއްސަ ޑޮކްޓަރު ރޯޝްނީ ރާޖް ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ ފާހާނާ ތަށި މަތީ 10 މިނެޓަށްވުރެ ގިނައިރު ހޭދަކުރުމަކީ ގެއްލުންހުރި ކަމެއް ކަމަށެވެ. މި އާދަ ހުންނަ މީހަކަށް އެކަމުގެ ނުރަނގަޅު އަސަރު ކޮންމެވެސް ސިފައެއްގައި ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ލިޔުމުގައި ރޯޝްނީ ބުނެފައިވެއެވެ.
" ފާހާނާ ތަށި މަތީ 10 މިނެޓަށްވުރެ ގިނައިރު ނީންނަންވީ. އެހާގިނައިރު ވަންދެން ތަށި މަތީ އިންނަން އާދަވެއްޖެނަމަ ފުރަގަސްފަރާތު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވޭ. މި ބަލި ނޫނަސް ފުރަގަސްފަރާތު އެތެރޭގައި ހުންނަ ނާރުތައް ދުޅަވެ ބޮޑުކަމުދާއިރު ތަދުވުމުގެ މައްސަލަތަކާ ގޮހޮރުގައި ފާރު ހެދުން ފަދަ ސީރިއަސް މައްސަލަތަކާ ކުރިމަތިވޭ. ގިނައިރު އެގޮތަށް އިށީދެގެން އިނުމުން އެހިސާބުގައި ހުންނަ ނާރުތަކަށް ބާރުބޮޑުވެގެންދޭ. މިއީ އެއް ދުވަސް ދެދުވަހުން ކުރިމަތިވާ މައްސަލައެއް ނޫން. މި ނުރަނގަޅު އާދައިގެ ސަބަބުން ފާރުހެދި، ނާރުތައް ދުޅަވެ ގިނަ ދުވަސްވާ ވަރަކަށް ކޮންމެވެސް ސީރިއަސް މައްސަލައަކަށް ބަދަލުވެގެންދަނީ،" ރޯޝްނީ ލިޔެފައިވާ ލިޔުމުގައި ބުނެފައިވެއެވެ.
ޑޮކްޓަރުގެ ލިޔުމުގައި އޭނާ ބުނެފައިވަނީ ފާހާނާ ތަށި މަތީ ގިނައިރު ހޭދަކުރުމަކީ ސާފުތާހިރުކަމަށްވެސް އެޅޭ ހުރަހެއް ކަމަށެވެ.
" ފާހާނާ ތަށި މަތީގައި މި އިނދެވެނީ ގިނަ ފަހަރަށް ފޯނާ ކުޅެން. އަހަންނަށް ފެނޭ ރަނގަޅު ބާތްރޫމް ހައިޖީން ޕްރެކްޓިސް ނުކުރުމުގެ ސަބަބުން ބައެއް މީހުންނަށް ކާނާ ވިހަވުން ފަދަ ބަލިތައް ޖެހޭތަން ވެސް. ތަށި މަތީގައި ފޯނާ ކުޅެން އިނުމަކީ ވަރަށްވެސް މުޑުދާރު އަމަލެއް ހަގީގަތުގައި. ފޯނަކީ އަބަދުމެ ބޭނުންކުރާ އެއްޗަކަށްވާއިރު އޭތި ވެސް ބޮޑަށް މުޑުދާރު މިވަނީ ފާހާނާ ތެރެއަށް ވެއްދީމަ. އެހެންވީމަ އެބަޖެހޭ ގެންގުޅޭ ފޯނުގެ ސާފުތާހިރު ކަމަށްވެސް ހާއްސަ ސަމާލު ކަމެއް ދޭން. އެހެން ނޫނީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު، " ޑޮކްޓަރު ރޯޝްނީ ލިޔެފައިވެއެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިނުން 2011ގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޮބައިލް ފޯނު ގެންގުޅޭ ކޮންމެ ހަ މީހަކުން އެކެއްގެ ފޯނަކީ ބޮޑުކަމުދާ ތަކެތީގެ ނަޖިހުގެ އަސަރު އެކުލެވޭ ފޯނުތަކެވެ. އެގޮތުން އެފަދަ މީހުންގެ ފޯނުތަކުގައި ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ނުރައްކާތެރި ބެކްޓީރިއެއް ކަމަށްވާ އީ-ކޮލީ މަތީ މިންވަރަކަށް އަށަގެންފައި ހުންނަ ކަމަށް ބުންޏެވެ. މީގެ ސަބަބުން ކާނާ ވިހަވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.

