ގައުމުގެ ހާލަތު ގުޅިފައި އޮތީ، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދިވެހި ދިދަޔަށް އިޝާރާތްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ކަމަށާއި މިނިވަންކަމާ އެކު ދިދަ ވިހުރޭނީ އަންނަ މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕީޕީއެމް/ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. އެ މިނިވަންކަން ކަށަވަރު ކޮށްދެއްވުމަށް ރައީސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިނިވަންކަން ކަށަވަރު ނުވެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ދިދައަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ މިނިވަންކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ފަށްޓަވާފައިވާ ދަތުރުފުޅަށް ފަޅުވެރިން ބޭނުންވާ ކަމަށެވެ. އެއާއެކު ގައުމު އޮތް ދަތިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމުގައި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
“ގައުމީ ދިދައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވަނީ އޭ ދިވެހި ދިދަޔާ، ތިބާ ވިހުރޭށޭ މިނިވަންކަން މަތީ، ދޭނަމޭ ގަދަރާއި އިއްޒަތް އޭގެ ފުރިހަމަ ގޮތް މަތީ. ވިދާޅުވީ ދެން ތިބާއަށް ދިވެހި އުދަރެހަކުން އިރެއްނޯއްސޭނެޔޭ، އެންމެ ފުން ލޯބިން ތިބާ ބޮސްދޭށެ ގޮސް ވަތަނުގެ ބިންމަތީ،” އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތަށް ލޮޅުންއަރާ ކޮންމެ ފަހަރަކު ބޮޑުތިލަދުންމަތީ ރައްޔިތުން ޤައުމު ސަލާމަތްކޮށްދޭކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ބޮޑުތިލަދުންމަތީގެ 5 ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ޢަބްދުއްރަޙީމް ވަނީ ގޮވާލައިފަައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 89 ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓުން ނެރެ އެވެ. މި އިންތިހާބުގައި، 93 ދާއިރާ އަށް މެމްބަރުން ހޮވާނެ އެވެ.

