އެމެރިކާގެ މޭޖަލީގުސޮކާ (އެމްއެލްއެސް) ގައި ކެޕްޓަން، ލިއޮނަލް މެސީ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، އެލްއޭ ގެެލެކްސީ އަތުން ބަލިނުވެ، އިންޓަ މިއާމީ ސަލާމަތްވެއްޖެ އެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މޮޅަށް ކުޅުނީ އެލްއޭ ގެލެކްސީ އިންނެވެ. އެ ޓީމުން މެޗުގައި ލީޑު ނެގީ 75 ވަނަ މިނެޓުގައެވެ. މި ގޯލް ޖެހީ، ސާބިއާގެ ފޯވާޑް، ޑޭޖާން ޖޮވެލްޖިޗް އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ގެލެކްސީގެ މާކް ޑެލްގާޑޯ އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު އެވެ.
އިންޓަ މިއާމީން ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައެވެ. މެސީ މި ގޯލް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ މިސީޒަނުގައި މެސީ ޖެހި ފުރަތަމަ ގޯލެވެ.
ލީގުގައި އިންޓަ މިއާމީ ދެން ނުކުންނާނީ އޮރްލާންޑޯ ސިޓީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

