ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި 22 ވަޒީރުންގެ ކެބިނެޓުގެ ތެރެއިން ނަން ފޮނުވި 3 ވަޒީރުންނަށް ރައްޔިތުން މަޖިލީހުން ރުހުން ނުދިނީ ވަކި ގައުމެއް ރުއްސަން ވެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި 22 ވަޒީރުންގެ ތެރެއިން ރުހުން ލިބިފައިވަނީ 19 ވަޒީރުންނަށެވެ. ރުހުން ނުލިބޭ ވަޒީރުންނަކީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. މަޖިލީހުން އެބޭފުޅުންނަށް ރުހުން ނުދެއްވި ނަމަވެސް، ރައީސް ވަނީ، އެބޭފުޅުން އަލުން މަގާމަށް އައްޔަނު ކުރައްވާ އެބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.
އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ހދ. ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ސަރުކާރު ހިންގުމަށް މަޖިލީހުން ދަތިކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ، 3 ވަޒީރުންނަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރުހުން ނުދިނީ ވަކި ގައުމެއް ރުއްސުމަށް މަޖުބޫރުވެގެން ކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކަފުޅުގައި ވަކި ގައުމެއްގެ ނަން ވިދާޅުވެފައެއް ނުވެއެވެ.
“އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށްވެސް މައުލޫމާތު ލިބޭ، އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖޭން ބޭރުގެ ކޮންމެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، ހަމަ މަޖުބޫރުވެގެން” ރައީސް ވިދާޅުވި އެެވެ.
އެހެންކަމުން، މިހާރު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންނަކީ ރައްޔިތުން އެދޭފަދަ މެންބަރުންނެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ތަރައްގީއަށް ވުރެ އެހެން ގައުމެއް ރުއްސުން އެބޭފުޅުންނަށް މުހިންމުވެފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

