ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ ދެ މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ. މިކަން ހިނގާފައި މިވަނީ އިސްރާއީލުން ގައްޒާއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިން މަރުވާ މިންވަރު އިތުރުވެދާނެ ކަމުގެ އިންޒާރު އދއިން ދީފައި ވަނިކޮށެވެ. ޝަހާބް ނިއުސް އެޖެންސީން ބުނީ މަހްމޫދު ފައްތޫހު އަވަހާރަވީ މިދިޔަ ހުކުރު ދުވަހު ގައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ އެނދުގައި އޮށޯވެގެން އޮތް މި ތުއްތު ވަރަށް އުދަނގުލުން ނޭވާލާން މަސައްކަތްކުރެއެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ޕެރަމެޑިކްސް މީހަކު ބުނި ގޮތުގައި މަހްމޫދު މަރުވީ ކާއެއްޗެހި ނުލިބި ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ.
"އަހަންނަށް ފެނުނީ އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އެހީއަށް އެދި ގޮވަމުން ދިޔަ މަންޒަރު. އޭނާގެ އަތުގައި އޮތް ކުޑަ ދަރިފުޅު ނޭވާ ނުލެވިގެން ތެޅެމުން ދިޔަ" ވީޑިއޯގައި އެ ޕެރަމެޑިކް މީހާ ބުނެފައިވެ އެވެ.
"އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ކާއެއްޗެހި ނުލިބުމުގެ ސަބަބުން އެކިއުޓް މަލްނިއުޓްރިޝަންގެ ޝިކާރައަކަށްވެފައި އޮތްކަން. މެޑިކަލް ސްޓާފުން އޭނާ އަވަސް އަވަހަށް އައިސީޔޫއަށް ގެންދިޔަ. ގައްޒާގައި ކުޑަކުދިންނަށްދޭ ކިރު ނެތުމުން އެ ކުއްޖާއަށް ކިރު ނުދޭތާ އެތައް ދުވަހެއް ވެއްޖެ."
މަހްމޫދު މަރުވެފައި މިވަނީ މިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސަރުކާރާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ފަލަސްތީނު ސަރަހައްދަށް އިތުރު އެހީތައް ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރަމުން އަންނަ އިލްތިމާސްތަކަށް އިސްރާއީލުން އިހުމާލުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 29،606 މީހުން ޝަހީދުވެފައިވާއިރު، 69،737 މީހުން ވަނީ ޒަޚަމްވެފައެވެ. މިހާތަނަށް އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1139 އެވެ. އދ އިން ބުނީ ޣައްޒާގެ 2.3 މިލިއަން މީހުން މިހާރު ތިބީ ބަނޑަށް ޖެހުމުގެ އައްސޭރީގައި ކަމަށެވެ. ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުން ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ތެލުގެ ހުރިހާ ސަޕްލައިއެއް ކަނޑާލާފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހު އެސަރަހައްދަށް އެހީވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެހީދޭ އެޖެންސީތަކުން ބުނަނީ އިޒްރޭލު ސިފައިން ހަރުކަށި ކޮށް ޗެކްކުރުމާއި، އިޒްރޭލުން ކެރެމް ޝަލޯމްގެ ނަމުން މަޝްހޫރު ކަރެމް އަބޫ ސަލީމް ކްރޮސިންގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކާބޯތަކެތި ގެންދާ އުޅަނދުތަކަށް ވަނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނަނީ ޣައްޒާއަށް ސަޕްލައި ތައް ވަނުމަށްފަހުވެސް އެތަކެތި ބަހާނުލެވެނީ އުޅަނދުތައް ބަލަހައްޓާ ފުލުހުންނަށް ހަމަލާދީ މަރާލުމާއި ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުންނެވެ. ހާއްސަކޮށް އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން ގައްޒާގެ އުތުރުގެ ސަރަހައްދުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެތަނުގެ ހާލަތު ޑޮކްޓަރުން ސިފަކޮށްފައި ވަނީ ނުރައްކާތެރި ކަމުގެ އިންތިހާގެ ގޮތުގައެވެ.
އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލްގެ ވެރިޔާ ޑރ ހުޝާމް އަބޫ ސާފިޔާ ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ކުޑަކުދިން، ހާއްސަކޮށް އަލަށް އުފަންވާ ކުދިން މަރުވަމުންދާކަމަށެވެ. ޑރ އަބޫ ސަފިއްޔާ އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަންމައަށް ބޭނުންވާ ކާނާ ނުލިބުމުގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ސިއްހީ ހާލަތު ވަރަށް ދަށެވެ.
" ފާއިތުވި ހަފުތާތަކުގައިވެސް ވަރަށް ގިނަ ކުދިން ވަނީ މަރުވެފައި. އަޅުގަނޑުމެންނަށް އެކަށީގެންވާ އެހީ އަވަހަށް ނުލިބިއްޖެނަމަ ކުރިއަށް އޮތް ތާގަވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ކުދިންނެއް މަރުވެގެންދާނެ." ހާލަތު މިހާ ގޯސްވެފައިވީ ނަމަވެސް އދ.ގެ އެޖެންސީތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައެއް ނުވެއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން މިދިޔަ އާދީއްތަ ދުވަހު ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ޑެލިވަރީ ކުރަން އަލުން ފަށަން މަސައްކަތް ކުރި ނަމަވެސް އޭގެ ދެ ދުވަސް ފަހުން އިސްރާއީލުގެ ބަޑީގެ ހަމަލާތަކުގެ ސަބަބުން އެކަން ވަނީ މެދުކަނޑާލައިފަ އެވެ. އަދި ބަނޑަށް ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް ޓްރަކްތަކާ ހިސާބަށް ދިޔުމުން ލިބުނީ މާޔޫސްކަމެވެ. އެ އެޖެންސީން ބުނީ ވީހާވެސް އަވަހަކަށް ޑެލިވަރީތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އިދާރާގެ މުވައްޒަފުންގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށާއި ފޯރުކޮށްދޭ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަށާއި އިޒްރޭލުން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީ ވަދެވޭނެ ގޮތަށް ކްރޮސިން ޕޮއިންޓްތައް ހުޅުވާލުމަށް ގޮވާލާ ކަމަށެވެ.
އދއިން ބުނީ ޣައްޒާގެ ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން މަދުވެގެން 90 އިންސައްތަ ކުދިންނަށް ގައިންގަޔަށް އަރާ ބަލިތައް ޖެހިފައިވާކަމަށެވެ. އަދި އެ ޤައުމުގެ އުތުރުގެ ސަރަހައްދުތަކުގައި 2 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 15 އިންސައްތަ ނުވަތަ ކޮންމެ 6 ކުއްޖަކުން އެއްކުއްޖަކު އެކިއުޓް މަލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"ޣައްޒާ އޮތީ ބަނޑަށްޖެހުމުގެ އައްސޭރީގައި ކަމަށް ބުނެ ހަފުތާތަކެއް ވަންދެން އިންޒާރު ދެމުން އައީ ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާނުލައިފިނަމަ ކުޑަކުދިން ބަނޑަށްޖެހި، އެކުދިންގެ ހާލަތު ދަށަށް ގޮސްދާނެ. އެގޮތުން ޖީލުތަކަކަށް ދެމިގެންދާފަދަ ގޮތަކަށް މިކަމުގެ ހިތި ނަތީޖާ ފެނިގެންދާނެ. އާބަދީ މަދުވެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެންދާނެ" ޔުނިސެފުގެ ހިއުމެނިޓޭރިއަން އެކްޝަންގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު ޓެޑް ޗައިބާން މިދިޔަ ހަފުތާގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

