މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން، އޮޅިގެން ގޭންގެއްގެ ބަޔަކު ރ.މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުނެފި އެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ.
ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން އެ އޮފީހުން އެބަ ގެންގުޅޭ ކަމަށެވެ.
"މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ، ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" އެ އޮފީހުން މިޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެމައްސަލައިގައި ދައުވާ ލިބޭ މީހުން އެކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖް ކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުން ކަމަށް ނިންމަން ދަތިކަމަށް ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ސާބިތު ނުކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ.
ހަމައެއާއެކު މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ފެންނަނީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންކަން ސާބިތު ކުރެވޭނެ ވަރުގެ އިތުރު ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުން ރިއާޔަތް ކުރެވިދާނެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
އަނަސްގެ މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ނަމަވެސް ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ނިމުނުއިރުވެސް އެ މައްސަލައިގެ ޝަރީޢަތް ނިމިފައެއް ނުވެއެވެ.

