މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދެ މަގާމަކަށް މިއަދު ބޭފުޅުން އައްޔަނު ކޮށްފިއެވެ.
އަލަށް މީހުން އައްޔަނު ކުރި ދެ މަގާމަކީ ޔުނިވާސިޓީގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމެވެ. ރެޖިސްޓަރާގެ މަގާމަށް މުހައްމަދު ޟާމިރު އައްޔަންކުރިއިރު، ޑީން އޮފް ރިސާޗްގެ މަގާމަށް އައްޔަންކުރީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރެވެ.
މި ދެ މަގާމަށް މީހުން އައްޔަނުކޮށް ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެ ޔުނިވާސިޓީގައި ވަނީ ޚާއްސަ ހަފްލާއެއް ވެސް ބާއްވައިފައެވެ. ވަޒީފާގެ އެއްބަސްވުމުގައި މަގާމަށް ހޮވި ވަޑައިގެން ދެ ބޭފުޅުންނާއި އެކު އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއި ކުރައްވައިފައެވެ.
ޔުނިވާސިޓީގެ ރަޖިސްޓަރާގެ މަގާމަށް ހޮވިވަޑައިގެންނެވި ޟާމިރަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއެންޔޫ އަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ލެކްޗަރާއެއްގެ ހައިސިއްޔަތުން ޔުނިވާސިޓީއަށް ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސިސްޓަންޓް ރަޖިސްޓަރާގެ މަގާމުގައި ޔުނިވާސިޓީއަށް ޚިދުމަތް ކުރެއްވުމަށްފަހު، ރަޖިސްޓަރާއެއްގެ މަގާމުގައި ހުންނަވައިގެން، ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި ބެހޭ ބައި ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.
ޔުނިވާސިޓީން މައުލޫމާތު ދިން ގޮތުގައި މިއީ އޭނާގެ ރަޖިސްޓަރާކަމުގެ ދެވަނަ ދައުރެވެ.
ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ރިސާޗްގެ މަގާމަށް ހޮވިވަޑައިގެންނެވި ޑރ މަރިޔަމް ޝަހްނީޒާ ނަސީރަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރިސާޗުގެ ދާއިރާއިން ވެސް އޭނާ ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ އެ ދާއިރާއިން ޚިދުމަތް ކުރައްވަަމުންނެވެ.
އެގޮތުން ދިވެހިރައްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވެސް ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުގެ މަގާމު ވެސް އޭނާ ވަނި އަދައިކުރައްވައިފައެވެ. އަދި ސިވިސް ސާވިސް ކޮމިޝަނުގެ މަގާމުތަށް ވެސް އޭނާ ވަނީ ފުރުއްވައިފައެވެ. އެމްއެންޔޫގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހާ އޭނާ ގުޅިލެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

