ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން މާ ބޮޑަށް ސިޔާސީވެ، އަމިއްލަ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއަޅައި މަޖިލިސް ތެރެއިން ޖެއްސުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުރަސްއަޅަމުންދާ ކަމަށެވެ.
މަޖިލިސް ތެރެއިން އުނދަގޫ ކުރިމަތިކުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއިރު، އެމަނިކުފާނުގެ ކެބިނެޓަށް އެމްޑީޕީގެ މެޖޯރިޓީއާ އެކު މަޖިލީހުން ރުހުން ނުދީ ތިން މަސް ދުވަސް ލަސްކުރި އެވެ. ވަޒީރުންނަށް ރުހުން ދިން އިރު ވެސް އެންމެ ރަނގަޅަށް މަސައްކަތްކުރާ ވަޒީރުންނަށް ރުހުން ނުދޭން ވޯޓަށް ވިޕްލައިން ނެރުނެވެ.
“މިހާރުގެ އިދިކޮޅު ޕާޓީން ކަންކަމުގައި ވަރަށް ބޮޑަށް ނަގަނީ ޕާޓީ ލައިން. ތަރައްގީގެ ވިސްނުމެއް ނޫން. ގައުމަށް ފައިދާ ހުރި ކަންކަމެއް ނޫން، އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް އަދި އަމުދުން މިހާރު ފެންނަ ގޮތުން މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވެއްޖިއްޔާ އަދި އެ ބޭފުޅުން ވެރިކަމުގައި ތިއްބެވި އިރުގައި ގައުމާ ދޭތެރޭ ކަންތައްތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާތެއްގެ މާބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުުޅުނީ. މިއީ ރާއްޖޭގެ ހާލަތު،” ރައީސް ވިދާޅުވިއެވެ.
އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއް ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ހިމެނި ކަންކަމުގައިވެސް މަސައްކަތް ފެށޭވަރަށް އަދި ފަށާފައި ހުރި މަސައްކަތް ނިންމޭ ވަރަށް ފައިސާ ހިމަނާފައިނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރާ އެއް ވިސްނުމެއްގައި ކުރިއަށްދާން ތިބި ރައްޔިތުންގެ މަންދޫބުންތަކެއް މަޖިލީހުގައި ތިބެގެންނެވެ. މި އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެފަ އެވެ.

