ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމު އުފައްދަވަން ނިންމެވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.
ޖަލު ހުކުމުން ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހަފުތާއެއް ތެރޭގައި ރެޖިސްޓްރީކުރަން ބޭނުންވާ އަދަދު ހަމަކޮށް ހުށަހަޅާނެ ކަމަށް އޭރު ބުނި ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ފަސްކޮށްފަ އެވެ.
އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވީ، ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް އީސީއަށް ފޯމު ހުށަހަޅާފައިވާތީ އެ ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ވީހާ އަވަކަށް ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވެސް މިއަދު ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އީސީން ހުއްދަ ދީފައިވާ އިރު، ޒެއިން އަބްދުﷲ ޔާމީން (ރައީސް ޔާމީންގެ ދަރިކަލުން) ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި، އެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް 3060 ފޯމު އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ 3،000 މެމްބަރުންގެެ ސޮޔާއެކު ފޯމާ އެކު ހުށަހެޅުމުން، ފޯމުތައް ސައްހަތޯ އީސީން ބެލުމަށް ފަހު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ.

