ކޮރަޕްޝަނާ ގުޅުން ހުރި އެއްވެސް އަމަލެއް ހިންގުމަށް އެ ވުޒާރާއިން އެއްވެސް ޖާގައެއް ނުދޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކޮރަޕްޝަން ވިޔަނުދިމަށްޓަކައި، ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެންޓިކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވެފައިވަނީ ކޮރަޕްޝަން ވިޔަނުދިމަށްޓަކައި، ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަޤްޞަދު ޙާޞިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅުމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ކޮރަޕްޝަން ހިންގުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އިދާރީ ކޮރަޕްޝަނާއި ފައިސާއާ ގުޅުން ހުރި ކަންތައްތަކާއި ނުފޫޒުގެ ބޭނުން ކުރުން ފަދަ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގުމުގެ ޖާގައެއް އެ ވުޒާރާއިން ނުދޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އާންމު ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާ ވުޒާރާއެއް ކަމަށާއި އެ ވުޒާރާ ހިންގަވާނީ އަދުލުވެރިކަމާއި އިޙްސާންތެރިކަމާއެކުގައި ކަމަށެވެ.

"އޭގެ ތެރޭގައި ޙައްޖާ ގުޅުން ހުރި ކަންތައްތަކާއި ޢުމްރާއާ ގުޅޭ ކަންތައްތަކާއި ޒަކާތާ ގުޅޭ ކަންތައްތަކާ އަދި އެކި އެކި ފަންޑުތަކާ ގުޅޭ ކަންތައްތައް މިތަނުގައި ހިމެނޭ. މިއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގައި ވަރަށް ގިނަ ފައިސާ މިތާ އެތެރޭގައި ބަލަހައްޓާ ތަނެއް. އެހެންވީމަ މިތަން ރަނގަޅު ގޮތުގައި ދެމެހެއްޓުމާއި އިތުބާރު ހިފޭގޮތުގެ މަތިން މިތަނުގައި ކަންކަން ކުރިއަށް ގެންދިޔުމަކީ އެއީ މުހިއްމު ކަމެއް. މިކަންކަން ފުރިހަމަ ގޮތުގައި ގެންދިޔުމަށްޓަކައި އޭސީސީގެ ފުރހިމަ އެއްބާރުލުން ބޭނުންވާނެ." ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެކޮމިޝަނުން ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ކުރާ މަސައްކަތަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެން ނޫނީ އޭގެ ހަޤީޤީ މަޤުޞަދު ހާސިލު ނުވާނެ މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކޮމިޝަނުން ކުރާ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.
"އޭސީސީން ކުރާ މި މުހިއްމު މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އަލިގަދަ ހެއްކެއް މިއީ. މިއީ ގަނޑެއްގައި ސޮއިކޮށްފައި ބޭއްވިފައި އޮތް އެއްޗެއްގެ ބަދަލުގައި މިކަން އެހެން ހަރުފަތަކަށްގޮސް އަހަރީ ޕްލޭނަކާއެކު މިކަންކަން ތަންފީޒްކުރުމަށް ތަންޒީމްވެގެން އަންނާނެތަން ދެކެން ބޭނުން." އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
އޭސީސީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލު ކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ޤާއިމްކޮށް ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެއެވެ. އަދި ދެ މުއައްސަސާއިން ގުޅިގެން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް އަދި އެހެނިހެން ފަރާތްތަކަށް މަޢުލޫމާތު ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

