މި ރަމަޟާން މަހު ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.މިލަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތި ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެކުވެރި އިތުރު ޤައުމުތަކުން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ތުރުކީވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ ފުށުގެ ޝިޕްމަންޓް ފުރާފައިވާ ކަމަށާއި މުޅި އަހަރުގެ ކެއުމަށާއި ބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ކާބޯ ތަކެތީގެ %10 އިތުރަށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރަމަޟާންމަހު ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި އެކަން ކަށަވަރު ކުރުމަށް ރައީސްގެ އެދިވަޑައިގަތުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާއާއި އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް އުފައްދަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
” ތުރުކީވިލާތާއެކު އެކުލަވާލުމަށް ތައްޔާރުވަމުން އަންނަ ފްރީ ޓްރޭޑް އެގްރީމަންޓްގެ ދަށުން 35 ބާވަތެއްގެ މުދާ އެ ޤައުމުން އެތެރެ ކުރުމަށް ކަނޑައަޅާފައިވޭ. އެ އަދަދަށް އެ ޤައުމުންވެސް ލިސްޓެއް އެކުލަވާލާފައިވޭ. އަދި މިޞްރުންވެސް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ރާއްޖެއިން ވާނީ ލިޔެފައި. ރައީސްގެ މިސްރާބު ހުރީ މުޅި ދުނިޔެއަށް ހުޅުވާލެވިފައި.” އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މާލީ ކަންކަމުގައި ރާއްޖޭގެ މިސްރާބު ބައްޓަން ކުރާނެގޮތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހައްލު ހޯއްދެވުމަށް ޓްރޭޑް ޑެލިގޭޝަނެއް މެއި މަހުގެ 15 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވޮޝިންޓަނަށްވެސް ވަޑައިގަންނަވާނެކަން ވަޒީރު ހާމަކުރެއްވިއެވެ.

