ރާއްޖޭގައި ކުދިން އުފަންވާ ނިސްބަތް މަދުވުމުގެ މައްސަލައަށް ހައްލު ނުހޯދައިފިނަމަ ޤައުމީ ތަރައްޤީއަށް ހުރަސްއެޅެމުގެ ފުރުސަތު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްކަމަށްވާ “ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް” ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ރާއްޖޭގައި އުފަންވާކުދިން މަދުވުމުގެ މައްސަލައަކީ ކަންބޮޑުވާ ކަމެއްކަމަށާއި އަދި މިއީ މިކަމަށް ޙައްލު ގެނައުމަށް ލިބޭ ފުރުސަތެއްކަމަށެވެ.
ސާޖިދާ ވިދާޅުވީ މިމައްސަލައަށް ޙައްލު ގެނައުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި އެހެންނޫންނަމަ މީގެ 20 އަހަރު ފަހުން ރާއްޖޭގެ އިޤްތިޞާދީ އިންޖީނު ހިންގުމަށް ވަޒީފާ އަދާކުރާނެ ވޯކް ފޯސްއެއް ނެތުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ސާޖިދާ ވިދާޅުވީ ފަހިވަމުންދާ ފުރުސަތުތަކާއެކު ޢާއިލާއާއި ދުރަށް ތަޢުލީމާއި ވަޒީފާއާ އެނޫންވެސް ބޭނުންތަކުގައި ދުރު ހިސާބުތަކަށް މީހުން ބަދަލުވާ މަންޒަރު އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް ފެންނަމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީގެ 76 އިންސައްތައަކީ މަސައްކަތްކުރާ އާބާދީ. މިއީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ޤައުމީ ފެންވަރުގައި. އެހެންނަމަވެސް އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ބޮޑުތަކުން ކުޑަވެ ޤައުމީ ތަރައްޤީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެކަމަށް މިއަދު ލިބިފައިވާ ފުރުސަތުގައި ފިޔަވަޅު އަޅަންޖެހޭ.” ސާޖިދާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ޔޫއެންއެފްޕީއޭއިން ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޕިއޯ ސްމިތު ވިދާޅުވީ ޤައުމެއްގެ ދުޅަހެޔޮކަމާއި ކުރިއެރުން ހަމައެކަނި ވަޒަން ކުރެވެނީ ޒުވާން އާބާދީއާއެކުގައި ނޫންކަމަށެވެ. އޭގެ ބަދަލުގައި ދުވަސްވީ މީހުންގެ އާބާދީގެ ދުޅަހެޔޮކަމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުދިން އުފަންވުން މަދުވުމުގެ މައްސަލަ ރާއްޖޭގައިވެސް ބޮޑުވަމުންދާއިރު އެކަމަށް އަވަސް ޙައްލެއް ހޯދުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

