މާލޭގެ ފިހާރައެއްގައި ރޭ މެންދަމު އަލިފާން ރޯވެފައި ހުއްޓާ ބަޔަކު ރިޕޯޓު ކުރުމުން، އެމްއެންޑީއެފުން ގޮސް އެ އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މ.ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރައިން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ ރޭ 3:28 ގައި ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އެ ފިހާރަ ތަޅުލާފައި ހުރުމުން ފަޔާ އެންޑް ރެސްކިއު ޓީމުން އެ ތަނަށް ވަނީ ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު އެވެ. ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ 4:15 ހާއިރު އެވެ.
މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް ފިހާރަ ބަންދުކޮށްފައި ހުރި ވަގުތަކަށް ވުމާއެކު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

