އިނގިރޭސި އެފްއޭ ކަޕުގައި ލޫޓަން ޓައުން ކޮޅަށް ރަށުން ބޭރުގައި ލަނޑު ގޯންޏެއް އޮއްސާލައި ޗެމްޕިއަން މެންޗެސްޓާ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ލޫޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ އެއްވެސް އުނދަގުލެއް ނެތި 6-2 އިންނެވެ. މި މެޗަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރުގަދަ އެގާރައެއް ނެރުނުއިރު މެޗުގައި ސިޓީން ޖެހި ފުރަތަމަ ފަސް ގޯލް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ނޯވޭގެ އާލިންގް ހާލަންޑެވެ. ހާލަންޑުގެ ފުރަތަމަ ހަތަރު ގޯލަކީ ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކުން 23 އަހަރުގެ ފޯވާޑް ޖެހި ގޯލްތަކެވެ. ހާލަންޑުގެ ފަސްވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.
ސިޓީން ޖެހި ހަވަނަ ގޯލް އެ ޓީމަށް ޖަހައިދިނީ މަޓެއޯ ކޮވަސިޗެވެ. މެޗުގައި ލޫޓަން އިން ޖެހި 2 ގޯލް ވެސް އެ ޓީމަށް ޖަހައިދިނީ ޖޯޑަން ކްލާކެވެ.
ސިޓީ އަކީ މި މުބާރާތް އެންމެ ފަހުން ވެސް ކާމިޔާބުކުރި ޓީމެވެ. އެފްއޭ ކަޕުގެ އިތުރުން ޕްރިމިއަ ލީގާއި ޗެމްޕިއަންސް ލީގު ވެސް ނަގައި މިދިޔަ ސީޒަނުގައި ޓްރެބަލް ހެދި ސިޓީން އަންނަނީ މިފަހަރު ވެސް މި ތިން ތައްޓަށް ވާދަކުރަމުންނެވެ. ޕްރިމިއަ ލީގުގެ ދެވަނައިގައި ސިޓީ އޮތްއިރު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުން މޮޅުވެފައެވެ.
އެފްއޭ ކަޕުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅެމުން އަންނަ ލެސްޓާ ސިޓީ ވަނީ 1-0 އިން ބޯންމައުތު ބަލިކޮށްފައެވެ. އަނެއްކޮޅުން ނިއުކާސަލް ޔުނައިޓެޑުން ވަނީ ޕެނަލްޓީ ޖަހައިގެން ބްލެކްބާން ރޯވާސްގެ މައްޗަށް ކުރިހޯދައި ކުއާޓާއިން ފުރުސަތު ހޯދައިފައެވެ.
މި މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. ޗެލްސީން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލް ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. މެންޗެސްޓަ ޔުނައިޓެޑުން ނޮޓެންހަމް ފޮރެސްޓާ ދެކޮޅަށް ނުކުންނައިރު ވުލުވްސް ވާދަކުރާނީ ބްރައިޓަންއާ އެވެ.

