ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލްގެ މެޗެއްގައި މި މަހުގެ ހަތް ވަނަ ދުވަހު ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރެއިން 13 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ މާރާމާރީ ހިންގީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނިޓުގެ ތެރޭގަ އެވެ. ކުޑަ ހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތު، ވިކްޓްރީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. މެޗުގައި 3-1 އިން ވިކްޓްރީގައި ކުރީގައި އޮއްވައި އެ ފައުލާ ގުޅިގެން ރެފްރީ އަޅައިނުލުމުން ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން އަރައިގަތީ ކަމަށް އެ ދުވަހު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މާރާމާރީ ހިންގި މައްސަލާގައި 16 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 13 މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

