ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަށާއި، ފުނަދޫގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ޚިދުމަތް ދޭން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

