ނ. ހޮޅުދޫ، މ. މުލައް އަދި އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކުގެ މިވަގުތު ހިނގަމުންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީން އާންމުކޮށްފިއެވެ.
އެގޮތުން، ސެންޓްރަލް ރީޖަންގައި ހިމެނޭ ނ. ހޮޅުދޫ، މ. މުލައް އަދި އދ. މާމިގިލީގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ އާރްޑީސީން ވަނީ ހާމަކޮށްފައެވެ.
މ. މުލަކުގައި މިހާރު ކުރަމުންދަނީ ހުސޭނީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް އެޅުމާއި ހޮޅި އެޅުމުގެ މަސައްކަތާއި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމުގެ މަސައްކަތެވެ. މުލަކުގެ މަގުތައް ހެދުމުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 106.2 މިލިއަން ރުފިޔާއަށެވެ.
ނ. ހޮޅުދޫގައި މިވަގުތު ކުރަމުންދަނީ، ޓިއުލިޕް ހިނގުމުގައި ޖަންކްޝަންގެ މަސައްކަތާއި އެ މަގުގެ ރިންގ ކޮންކްރީޓް ފޯމްގެ މަސައްކަތުގެ އިތުރުން އުނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، މަދަރުސާ މަގުގައި ޕޭވިންގެ މަސައްކަތެވެ. ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 71 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
އާރްޑީސީން ބުނި ގޮތުގައި، މާމިގިލީގައި ކުރިއަށްދަނީ އަމީނީ މަގުގައި ކޭބަލް އެޅުމުގެ މަސައްކަތާއި، އެ މަގުގެ ގްރޭޓިން ފްރޭމްގެ މަސައްކަތުގެ އިތުރުން ގެވެހި މަގުގައި ގްރޭޓިން ފްރޭމް ކާސްޓް ކުރުމުގެ މަސައްކަތެވެ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 95 މިލިއަން ރުފިޔާއަށެވެ.

