ރާއްޖެއަށް ފުރަތަމަ ފަހަރަށް އެއްމަސް ދުވަހުގެ ތެރޭގައި 200,000 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އެރައިވަލްސް ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 392،389 ފަތުރުވެރިން ރާއްޖެ އައިސްފި އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.7 އިންސައްތައިގެ ކުރި އެރުމެކެވެ.
މި މަހަށް އެކަނި ބަލާއިރު ހޯމައިގެ ނިޔަލަށް 200،004 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 166،762 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7,600 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެން ދިޔައީ ޗައިނާއިން ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވުމާ ގުޅިގެންނެވެ.
ޗައިނާއިން އެކަނި މިއަހަރު ރާއްޖެއަށް 52,000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން 37,800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށް ވާ އިޓަލީވިލާތުން 37,300 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ. މިދިޔަ މަހު މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގަ ހިމެނޭ އިންޑިއާ އާއި ޗައިނާ މާކެޓު ހުރި ވަރުގަ ހިފެހެއްޓިއްޖެ ނަމަ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

