ރާއްޖޭގައި ފުރަތަމަފަހަރަށް އެއާރ އެމްބިއުލާންސްގެ ހިދުމަތް ހުކުރު ދުވަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާޗް މަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ވަޒީރުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފާސްކޮށްފައިވާއިރު، ހިދުމަތް ފަށައިގަންނައިރު، ދެ އެއާ އެމްބިއުލާންސް އޮންނާނެއެވެ. އަދި މި ހިދުމަތް 24 ގަޑިއިރު ލިބޭނެގޮތަށް ވަނީ ނިންމާފައެވެ.
އެއާ އެމްބިއުލާންސް ތައާރަފް ކުރުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވާން ފަށައިފައިވާއިރު، ދެ އެއާ އެމްބިއުލާންސެއް ތައްޔާރުކޮށް އައިލޭންޑް އޭވިއޭޝަނާއި ގުޅިގެން ހިދުމަތް ދެވޭނެ އިންތިޒާމު ދަނީ ކުރިއަށެވެ.
އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނ. މަނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށެން ބާކީ އޮތީ އެއް ދުވަސް ކަމަށާއި އަންނަ ހުކުރު ދުވަހު އެ ހިދުމަތް އިރާދަ ކުރެއްވިއްޔާ ފެށިގެންދާނެ ކަމަށެވެ.
“ހުކުރު ދުވަހު ފަށާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވި ގޮތަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް. އަޅުގަނޑުމެންގެ ދެ މަތިންދާ ބޯޓު، ޑޭޝް 8 މަރުކާގެ ދެ ބޯޓު ބަދަލުކޮށް ނޭޝަނަލް އެއާއެމްބިއުލާންސްގެ ހިދުމަތް އިރާދަކުރެއްވިއްޔާ މާދަމާ ނޫން އަނެއް ދުވަހު މި ފެށެނީ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާ އެމްބިއުލާންސް ފެށުމުން ކުއްލި ހާލުގައި ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ގެންދެވޭނެ ކަމަށާއި ރާއްޖޭގެ އިތުރުން ސްރީލަންކާއާއި ހަމައަށް ވެސް ބަލި މީހުން އުފުލޭނެ ކަމަށެވެ. ލަންކާގެ އިތުރުން ވެސް އެހެން ގައުމުތަކަށް ވެސް އިރާދަ ކުރެއްވިއްޔާ ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ،

