އަންހެނުންގެ ނޭޝަންސް ލީގުގެ ފައިނަލްގައި ރޭ ފްރާންސް އަތުން 2-0 އިން މޮޅުވެ، ސްޕެއިން އިން މުބާރާތުގެ ތަށި އުފުލާލައިިފިއެވެ.
މީއީ ހަ މަސް ދުވަހުގެ ތެރޭގައި ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު އިންގްލެންޑް އަތުން މޮޅުވެ، ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ތަށި ވެސް އުފުލާލައިފައެވެ.
ރޭ ސްޕެއިންގެ ސިޓީއެއް ކަމަށްވާ ސެވިއްޔާގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ލީޑު ހޯދައިދިނީ އެންމެ ފަހުގެ ބެލޮންޑޯ އެވޯޑް ހާސިލްކުރި ޒުވާން އައިޓާނާ ބޮންމަޓީއެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ މަރިއޯނާ ކަލްޑެންޓީއެވެ.
މިއީ އަންހެނުންގެ ނޭޝަންސް ކަޕްގެ ފުރަތަމަ މުބާރާތެވެ. އެހެންކަމުން ސްޕެއިން އަށް ވަނީ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެސް ލިބިފައެވެ.
މެޗަށް ފަހު އައިޓާނާ ބުނީ ވޯލްޑް ކަޕާއި ނޭޝަންސް ލީގު ކާމިޔާބުކުރެވުމަކީ ސްޕެއިން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ދެން ސްޕެއިން އިން އަމާޒު ހިފާނީ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމަށް ކަމަށެވެ.
ސްޕެއިން އިން މުބާރާތުގެ ތަށި އުފުލާލިއިރު ތިންވަނަ ހޯދީ ނެދަލެންޑްސްގެ މައްޗަށް ކުރިހޯދި ޖަރުމަނު ޓީމެވެ.

