ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އީސްޓާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ކޮވިޑާ ގުޅިގެން މި އެއާލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލައިފައި އޮތުމަށްފަހު ރޭ ވަނީ އަލުން ރާއްޖެ އަށް ދަތުރުތައް ފަށައިފައެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެގޮތުން ވޯޓާ ސެލިއުޓަކާއެކު އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލީ ޒިން އެވެ.
ޗައިނާއަކީ ކޮވިޑުގެ އާލަމީ ވަބާގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމާއެކު އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ދަށަށް ދިޔައެވެ.
ޗައިނާގެ ބޯޑަރު މިދިޔަ އަހަރު އަލުން ހުޅުވާލާފައިވާއިރު މިއަހަރު އަނެއްކާވެސް ޗައިނާ ވެފައިވަނީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާއިން ބައިލައްކަ އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.

