ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އެއް އިރެއްގައި ވެސް ބޭނުންވި ގޮތެއް ނޫން ކަމަށާއި އިންތިހާބު، ރޯދަ މަހުގެ ކުރިއަށް ނުބޭއްވުނީ ގާނޫނުއިސްލާހުކޮށްގެން އެކަން ކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ނުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވާށެވެ. އެއީ ރޯދަ މަހުގެ ހަ ވަނަ ދުވަހެވެ.
އެ ދުވަހު އިންތިހާބު ބޭއްވުމާ މެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު މަޖިލީހުން ވަނީ ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ވެސް ފާސްކޮށްފަ އެވެ.
ރައީސް ޑރ. މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަހު މަންޒިލް ކަމުގައިވާ ނ. ކެނދިކުޅުދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް މަޖިލިހުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްގޮތަކަށް ވެސް އެއްބަސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ގާނޫނު އިސްލާހު ކުރަން އެ ބޭފުޅުން އެއްބަސްވެވަޑައިނުގެންނެވި ސަބަބު ކިޔައި ދޭން ޖެހޭ ނޫންތޯ؟ އަބަދުވެސް އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟ އަވަސްކޮށްލަ ދިން ނަމަ އެ މައްސަލަ ހައްލު ވާނެ ނޫންތޯ؟” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. ރޯދަ މަހަކީ އަޅުކަމުގެ މައްސަރު ކަމަށްވީމަ، ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރޯދަ މަހުގެ ފަހު 10 ދުވަހަކީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބު ރޯދައިގެ ކުރިން ނިންމައިދޭން އިލެކްޝަން ކޮމިޝަންގައި ވެސް އެދިވަޑައިގަތް ކަމަށެވެ.
“އަޅުގަނޑު ގާތު ނުރަސްމީކޮށް އިލެކްޝަން ކޮމިޝަނުން އެއްސެވީމަ އަޅުގަނޑު ދެންނެވިން އެދެމޭ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވާ ކަމަށްވާ ނަމަ، ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިއަށް ވިޔަސް ވަރިހަމައޭ ބާއްވަދޭށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި،” ރައީސް ވިދާޅުވި އެވެ.
“މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެ ވެސް އަޑި ނޭނގޭ ސަބަބަކާ ހުރެ އެ ބޭފުޅުން ބޭނުމެއް ނުވި ރޯދައިގެ ކުރިއަށް އިންތިހާބު ޖައްސާކަށް. ނުދައްކައޭ ނުންތޯ އެ ވާހަކައެއް،” ރައީސް ވިދާޅުވި އެވެ.
މާޗް 17ގައި އިންތިހާބު ބާއްވަން ނިންމި ފަހުން، ރައްޔިތުންގެ މަޖިލީހުން ވަނީ އެމްޑީޕީން ހުށަހަޅައިގެން ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ބިލެއް ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ކުރަން ފޮނުވުމުން ރައީސް ވަނީ އެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އަނބުރާ ފޮނުވާލައްވައިފަ އެވެ. އިއްޔެ މަޖިލީހުން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކޮށްފަ އެވެ.
ދެވަނަ ފަހަރަށް ފާސްކޮށް ބިލެއް ފޮނުވުމުން އެ ބިލެއް ރައީސް ތަސްދީގު ކުރަން ލާޒިމްވީ ނަމަވެސް، މިހާތަނަށް ރައީސް އެ ބިލް ތަސްދީގު ނުކުރައްވަ އެވެ. ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބާ ބެހޭ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ގަވައިދަށް ފަހުން ގެނައި އިސްލާހާ އެއްގޮތަށް، ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެންނެވެ. ނަމަވެސް، ބަންޑާރަ ނައިބު އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ހުކުމް ކުރީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނައި، ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.

