ބޯޓުދެލި ބަރުކޮށްގެން ދިޔަ ބޯޓެއް ގެއްލުނުތާ 120 އަހަރު ފަހުން ނިއު ސައުތު ވޭލްސްގެ އައްސޭރިފަށުން ފެނިއްޖެއެވެ. މި ބޯޓު ފެނިފައިވަނީ ވިޔަފާރި ކުންފުންޏަކުން ގެއްލުނު މުދާ ހޯދަން އުޅުމުގެ ތެރޭގައެވެ.
އެސްއެސް ނެމެސިސްގެ މި ބޯޓުގައި ކުންފުނީގެ 32 ފަޅުވެރިން ހިމެނޭއިރު އޭގެތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި އަދި ކެނެޑާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. 73 މީޓަރުގެ ދިގު މި ބޯޓު މެލްބަންއަށް ދަތުރުކުރި ނަމަވެސް އެއުޅަނދު އަނބުރާ އައިސްފައެއް ނުވެއެވެ. މި ބޯޓު އެންމެ ފަހުން ފެނިފައިވަނީ ސިޑްނީގެ ދެކުނުގައި އޮންނަ ވޮލޮންގޮންގް އަވަށުގެ ކަނޑުގެ ސަރަހައްދުންނެވެ. އެ ކަނޑަށް އެރި ތޫފާނުގެ ސަބަބުން އެ ބޯޓާއެކު އެހެން އުޅަނދެއް ވެސް ވަނީ އަޑިއަށް ގޮސްފައެވެ. ޖެހިގެން އައި ހަފުތާތަކުގެ ތެރޭގައި އެބޯޓުގައި ތިބި ކްރޫންގެ ހަށިތައް ކްރޮނޫލާ ބީޗުން ފެނިފައިވެއެވެ. މީގެ އިތުރުން ބޯޓުގެ ސްޓިއަރިން ވީލްގެ ބައިތަކާއި ދޮރުތަކާއި އެހެނިހެން ބައިތައް ވެސް ވަނީ ގޮނޑުދޮށަށް ލައްގާފައެވެ.
އޭރު މި މައްސަލައަށް މީޑިއާގެ ސަމާލުކަމާއި އާންމުންގެ ޝައުގުވެރިކަން ބޮޑުވި ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން އެ އުޅަނދު ފެނިފައި ނުވާތީ އޭގެ ހަގީގަތް އޮތީ ނޭގުމެއްގެ ތެރޭގައެވެ.

2022 ވަނަ އަހަރު ސިޑްނީގެ އައްސޭރިފަށުން ގެއްލުނު ކާގޯ ކޮންޓެއިނަރުތައް ހޯދަން މަސައްކަތް ކުރަމުން ދިޔަ ރިމޯޓް ސެންސިން ކުންފުންޏެއް ކަމަށްވާ ސަބްސީ ޕްރޮފެޝަނަލް މެރިން ސާވިސަސް އަށް ކުއްލިއަކަށް ވީރާނާވެފައިވާ މި ބޯޓު ފެނުނެވެ. އެ ފެނިފައިވަނީ 26 ކިލޯމީޓަރު ބޭރުން ، 160 މީޓަރު އަޑިންނެވެ. ފެނުނީ ބޯޓުގެ ދަނގަނޑު ބައި ވެލިގަނޑު މަތީ އޮތް ތަނެވެ. އޭގެ ބައިތައް ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ. ބޯޓު ވެއްޓިފައިވާ އަޑިމިނުގެ ސަބަބުން ނިއު ސައުތު ވޭލްސްގެ ހެރިޓޭޖް ގެ ތަޖުރިބާކާރުންނަށް އެސްއެސް ނެމެސިސްކަން ޔަގީންކުރަން އުދަނގޫ ވިއެވެ.

އާރްވީ އިންވެސްޓިގޭޓަރ : އޮސްޓްރޭލިއާގެ ގައުމީ ސައިންސް އެޖެންސީ ސީއެސްއައިއާރުއޯ އިން ހިންގާ އޮސްޓްރޭލިއާގެ ކަނޑު ދިރާސާކުރާ ޒަމާނީ އުޅަނދު. ފޮޓޯ: ސީއެސްއައިއާރުއޯ
ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިއާރުއޯ) އިން ވަނީ ކަނޑު އަޑިއަށް ގޮސްފައިވާ މި އުޅަނދުގެ ފޮޓޯ ނަގައި އެސްއެސް ނެމެސިސްގެ ކުރީގެ ފޮޓޯތަކާއި ސްކޭޗްތަކާއި އަޅާކިޔާފައެވެ. މި ތަހުގީގުން ބޯޓު އަޑިއަށް ދިޔަ ގޮތް އެނގިގެން ދިޔައެވެ. އެ ބޯޓު އަޑިއަށް ދިޔައީ ތޫފާނުގައި އެ ބޯޓުގެ އިންޖީނަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. ބޮޑު ރާޅެއް އެރުމުން ލައިފް ބޯޓުތަކަށް ސަލާމަތް ނުވަނީސް ކޯލް ބަރުކޮށްގެން ދިޔަ މި އުޅަނދު އަޑިއަށް ދިޔައީ އެވެ.

އާރްވީ އިންވެސްޓިގޭޓަރުގެ އެސްއެސް ނެމެސިސް ސާވޭގެ ޑްރޮޕް ކެމެރާ ފޮޓޯ ތަކެއް– ފޮޓޯ: ސީ.އެސް.އައި.އާރު.އޯ
ސީއެސްއައިއާރުއޯގެ ވޮޔޭޖް މެނޭޖަރު ޖޭސަން ފަޒީ ބުނެފައިވާ ގޮތުގައި ފަހުން ކުރި ތަހުގީގަށް ބޯޓު އޮތްގޮތް ދެނެގަތުމަށް ޓަކައި މުޅި އުޅަނދުގެ ހައި ރިޒޮލިއުޝަން މެޕެއް ހެދި ކަމަށެވެ. ކަނޑުގެ އަޑި ދިރާސާކުރާ ސަބްސީ ޕްރޮފެޝަނަލް މެރިން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އެޑް ކޯބާ ބުނެފައިވާ ގޮތުގައި އޭނާގެ ޓީމުގެ ދިރާސާ ފެށިއިރު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
"އަޑިޔަށް ދިޔަ މި ބޯޓު ފެނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް، އޭގެ ސަބަބުން މިހާރު ގެއްލުނު ފަޅުވެރިންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްއެގެ
ހިތްހަމަޖެހުމެއް ލިބިގެންދާނެ،" ކޯބަރ ބުނެފައި ވެއެވެ.
ނިއު ސައުތު ވޭލްސްގެ އެންވަޔަރަންމަންޓް އެންޑް ހެރިޓޭޖް މިނިސްޓަރު ޕެނީ ޝާޕް ބުނެފައިވާ ގޮތުގައި މި ހާދިސާގައި ގާތްގަނޑަކަށް 40 ވަރަކަށް ކުދިންގެ މައިންބަފައިން ގެއްލިފައިވާ ކަމަށެވެ. ވޮލޮންގޮންގް ދާއިރާގެ މެމްބަރު ޕޯލް ސްކަލީ ބުނީ ނިއު ސައުތު ވޭލްސްގެ އައްސޭރިފަށުން 200 އަށް ވުރެ ގިނަ އުޅަނދު ގެއްލިފައިވާ ކަމަށް ބެލެވޭއިރު މިފަދަ ދިރާސާތަކާއި ހޯދުންތަކުގެ ސަބަބުން 105 އުޅަނދެއް ފެނިފައިވާ ކަމަށެވެ.

