ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން 100 ރަށަށް ޒިޔާރާތް ކުރައްވައި އެ ރަށުގެ ކައުންސިލްތަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ރައީސްގެ ޝެޑިއުލް އޮތް ގޮތުން އަނގޮޅިތީމް، ހުޅުދުއްފާރު، ދުވާފަރު، މާކުރަތު، އިނގުރައިދޫ، ރަސްމާދޫ، އިންނަމާދޫ ކައުންސިލްއާ މިއަދު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަރަށް ގިނަ ވަގުތު ހޭދަކުރައްވަ އެވެ.
މިރޭ ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުއްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާ ވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު، ބ. އަތޮޅު ކައުންސިލާއި ދޮންފަނު ކައުންސިލާއި ދަރަވަންދޫ ކައުންސިލްއާ ބައްދަލު ކުރައްވަން ވެސް ވަނީ ރާވައިފަ އެވެ.
އަތޮޅުތަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މީގެ ކުރިން ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅާއި ގއ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅަށް ވަޑައިގެންފަ އެވެ. އެ އަތޮޅުތަކުގެ ކައުންސިލްތަކާ އެކު ވެސް ރައީސް ބައްދަލުވުންތައް ބޭއްވެވި އެވެ.
ރައީސް މި ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

