ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: އެމްއޭސީއެލް
އައު ޓަރމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ވަނީ ބައްދަލުކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: އެމްއޭސީއެލް
މިއަދުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އައު ޓަރމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއަރޕޯޓުގައި ޚިދުމަތް ދެއްވާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެކަމަށެވެ.
"އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ."
މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއަރލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ބިލްޑިންގ އަކާއި، ކާގޯ ޓަރމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފައެވެ.

