ކުޅިވަރުގެ މައިދާނުގައި ވިދާލާފައިވާ ނަމެކެވެ. އެމައިދާނުގައި ފަސްޓް އެއިޑުގެ ހިދުމަތުން ފެށިގެން ކޯޗުކަމުން ފެށިގެން ރެފްރީކަމާ ހަމައަށް ނަން އުފުލިފައިވާއިރު ސްޓޭޑިއަމްތަކުގައި ރާއްޖެތަމްސީލުކޮށް ރާއްޖޭގެ ނަން ރޯޝަން ކުރުވާފައިވާ ފަރާތެކެވެ. 2018 ވަނަ އަހަރުން ފެށިގެން އަދިވެސް މިއަދުވެސް މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން އެފްއޭއެމް އިން ގޮވާލައިފި ކޮންމެ ވަގުތަކު ރެފްރީކަމުގައި ނުކުންނަ ގޮތަށް، ތައްޔާރަށް ހުރި އެފްއޭއެމްގެ އެކްޓިވް ރެފްރީ އެކެވެ. ހަމައެހެންމެ، އިމާމުކަމުގެ ކޯސް ފުރިހަމަ ކުރައްވައި އިމާމުކަން ކުރައްވާފައިވާއިރު ހިނަވައި ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގެ ސަނަދު އެބައޮތެވެ. ދިރިއުޅުމުގެ މައިދާނުގައި މަސައްކަތްތެރިކަމަކަށް މިވެނިކަމެއް ކުރެވޭނެހޭ ބުނެ ދައްކައިފިކަމަށް ވާނަމަ ޖެހިލުންވުމެއް ނެތި އެކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އަތުކުރި އޮޅާލައްވައިގެން ހުންނަވާ ފަރާތެކެވެ.
ސައީ ލެގޫން މޯލްޑިވްސްގެ ހައުސްކީޕިން ސުޕަވައިޒަރުގެ މަގާމު އަދާ ކުރަމުންދާ، ބ ތުޅާދޫއަށް އުފަން މުހައްމަދު އާރިފް އެންމެން ދަންނަ ނަމުން ނަމަ ބަކާ، އަކީ "އޯލް އިން ވަން" މޭން އެކެވެ. އަތުންފައިން ކުރަން ނޭނގޭ މަސައްކަތެއް، ކެރިގެން ކުރިމަތިނުލާނެ މަސައްކަތެއް ނެތެވެ. ދުނިޔޭގެ ތަޖުރިބާއަށް އިތުރުވަނީ އޭނާއަށް ލިބިފައިވާ ހިލްމު ތަރައްގީ ކުރުމަށް އަމިއްލަ މިންނަތުން އަމިއްލަ ހިތްވަރުން ހޯދާފައިވާ އިލްމެވެ. އެ އިލްމު އެކުލަވާލުމުން އޭނާގެ ހިލްމު ކުރިއަރައި ގޮސްފައިވަނީ ނުހަނު އަބުރުވެރިކަމާއެކުގައެވެ.
"ހުވަދޫ" ނޫހުގެ ފަރާތުން ބަކާއަށް ވަރަށް މަރުހަބާ ކިޔުމަށްފަހު ސުވާލުކޮށްލީ މިހާރު ދަނޑުމަތިން ނުފެންނަނީ ކީއްވެހެއްޔެވެ. ބަކާގެ ޖަވާބު ސާދާވެފައި ސީދަލެވެ.

އަޅިކުލައިގެ ކޯޓުގައި ބަކާ: އަދިވެސް އަބަދުވެސް ހިތް އޮތީ ދަނޑުގައި
"މިހާރުވެސް ގޯލްޑަން ފުޓްސަލް މެޗުތަކުން ފުރުސަތު ލިބޭ، އެކަމަކު ވަޒީފާގެ ގޮތުން އެކަމަށް ވަގުތު ނުދެވޭތީވެ، ރިސޯޓުން ގެއަށް، މާލެ އާދެވެނީ ރޭގަނޑު. ބައެއް ރޭރޭގައި އާދެވޭނެ އަށެއް ޖަހާއިރުވެސް، އެކަމަކު އާންމުކޮށް ނިމިގެން މާލެ އާދެވޭނީ ރޭގަނޑު އެގާރައިގެ ފަހުން، މެޗުތަކުގެ ގަޑި އޮންނަ ގޮތުން އެކަން ކުރާ ހިތްވިޔަސް ވަޒީފާގައި އުޅެމުން ވަގުތު ދެވޭ ގޮތެއް ނުވޭ،"
ދެން އޮތް އަނެއް ސުވާލަކީ އިމާމެއް، ހިނަވައިކަފުން ކުރެވޭ ފަރާތެއް، މިކަމުގެ ތެރޭގައި ނޫޅެނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. ތެދަށް ބުނަންޏާ މިސުވާލުގެ ޖަވާބު ދިވެހިރާއްޖޭގެ މިފަދަ ކަންކަން އެނގޭ ކޮންމެ ފަރާތަކަށް ފަހުމުވާނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުން ޅަޒުވާން އިމާމުން ނުފެންނަ އެއް ސަބަބަކީވެސް މިދަންނަވަން އުޅޭ ސަބަބެވެ.
ސަރުކާރުން މުދިމަކަށް ވިއަތީ ކޯސްހަދާފައި ހުރުމުން، މިސްކިތްްތަކުގައި މުދިމުކަން ކުރާކަމަށް ވާނަަމަ ލިބޭ ފަސްސަތޭކަ ރުފިޔާއިން އާންމު ދިވެހި ފަރުދެއްގެ އެއްމަސްދުވަހުގެ ހަރަދުބަރަދު ހިންގާނެ ގޮތަކާމެދު ވިސްނާލުމުން ސަބަބު ހާމަވާނެއެވެ. އަދުގެ ދިރިއުޅުމުގައި އެންމެ ދުވަހެއްގެ ހަރަދަށް ހޭދަވާވަރަށްވުރެވެސް މި މުސާރަ ކުޑަ ކަމަށް ވާއިރު މިފަދަ އަގަކަށް އެގޮތަށް ރަށު މިސްކިތުގެ އިމާމަކަށް އުޅޭ ހިތް ވިޔަސް އެއީ އެކަށީގެންވާ ކަމެެއްނޫނެވެ.
އެހެންނަމަވެސް އުނގެނިފައި ހުރި އިލްމެއް ހުހަކަށް ނުދާނެތީ އިމާމަކު ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް ބަކާ އަކީ އުފަލާއެކު އެކަން ކުރާ ފަރާތެކެވެ.
އއ ފެރިދޫއަށް އުފަން އަނބިމީހާއާއި ތިން ކުދިންނާއެކު ބަކާ މިހާރު ދިރިއުޅެމުންދަނީ މާލެސިޓީގައެވެ. ކޮންމެ ދުވަހަކުވެސް ވަޒޯފާ އަދާ ކުރާ ރިސޯޓަށް ގޮސްފައި ބަކާއަށް އެނބުރި މާލެ އާދެވެނީ ރޭގަނޑުވާ ފަހުންނެވެ.
ބަކާގެ ދިރިއުޅުމަކީ މިދެންނެވި އޭނާގެ ލޯބިވާ ކުޑަކުޑަ އާއިލާއެވެ. ނުހަނު ޒިންމާދާރު ބައްޕައަކަށްވެފައި އޯގާތެރި ހެޔޮލަފާ ފިރިއެެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށްޓަކައި އޭނާ ދަނީ މިންނެތް މަސައްކަތް ކުރަމުންނެވެ. މިއަދު ދަނޑުތަކުން އޭނާ ނުފެނުނަސް އޭނާގެ ހިތުގައި ދަނޑުތަކާއި ރެފްރީކަށިގަނޑަށް އޮތް ގަދަރާއި ލޯބި ފަނޑުވީ ނޫނެވެ. އެހެންނަމަވެސް އާއިލާއެއްގެ ޒިންމާ ކޮނޑު އަޅައިގެން އުޅޭ އިރު އޭނާ ހިޔާރުކޮށްފައިވަނީ އެންމެ ހެޔޮފާލުކަން ވާހަކަ ދައްކައި ހިއްސާކުރި ވާހަކަތައް އަޑުއިވުމުން ޔަގީންވިއެވެ.
ރިސޯޓުދާއިރާގެ ހައުސްކީޕިންގް ދާއިރާގައި އުޅޭތާ 23 އަހަރުވެ، ސުޕަވައިޒަރެއްގެ ގޮތުގައި ހުއްޓަސް މިއަދުވެސް އޭނާގެ ބޭނުމެއް ޖެހިގެން ގޮވާލައިފިނަމަ މިއިން ކޮންމެ ކަމަކަށްވެސް ވަގުތު ތަންދޭ މިންވަރަކުން އޭނާ މަސައްކަތް ކުރާނެއެވެ. ހަމައެހެންމެ އޭނާއަކީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެންވެސް އަދިވެސް، އެފްއޭއެމްގެ އެކްޓިވް ރެފްރީއެކެވެ. މާނައަކީ އެފްއޭއެމުން މެޗެއްގެ ރެފްރީކަމަށް އަރަން ޖެހިގެން އަންގާލައިފި ކޮންމެ ހިނދެއްގައި އެކަމަށްވެސް ތައްޔާރަށް ހުރި ރެފްރީއެކެވެ.
ދެން އޮތީ ދިރިއުޅުމުގެ މައިދާނުގައި އެކަކު އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިން ކޯސް ހަދައި ތަމްރީނު ހޯދީ ކީއްކުރަންތީ އުފެދޭ ސުވާލެވެ. މިހުރިހާ އިލްމެއް ހޯދުމުގެ ބޭނުމަކީ ކޮބައިތޯވެސް ސުވާލުކޮށްލީމެވެ. ބަކާގެ ޖަވާބު ވަރަށްވެސް ސާފުވެފައި ސީދާކޮށެވެ.
"ދިރިއުޅުމުގެ މައިދާނުގައި އެ އިލްމުގެ ބޭނުން ހިފޭނެ، ކޮންމެ ކަމެއްވެސް ދަސްކުރަނީ، އުނގެނެނީ އޭގެ ފައިދާ އަމިއްލަ ދިރިއުޅުމަށް ކުރާނެހެން ބޭނުންހިފޭނެކަމަށް ވިސްނައިގެން، ދެން މިހާރު އާއިލާއަށް ވަގުތު ދޭން ބޭނުންވަނީ،"
ކޮންމެއަކަސް ބަކާ އަކީ ދިވެހި ޒުވާނުންނަސް ހުރި ރަނގަޅުނަމޫނާއެެކެވެ. ހީވާގި ކެރޭ ފިސާރި ހުށިޔާރު ޒުވާނެކެވެ. ހުވަދޫ ނޫހުން ބަކާއާއި ބަކާގެ އާއިލާއަށް ފުރިހަމަ ފަހި މާދަމާއަކަށް އެދެމުން، ބަކާއަށް ސެލިއުޓެއް ދެމެވެ.

