ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މޫސުން ގޯސްވެ، ދެކުނަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން 10:30 އާއި ހަމައަށެވެ.
މެޓުން ވިދާޅުވީ، އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

