އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ދޫނިދޫގައި ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ.
އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު، 2731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ނައްތާލާފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން/ ފޮޓޯ: ޕޮލިސް
މިތަކެތީގެ މަގުމަތީ އަގަކީ 425590234.92 (ހަތަރުސަތޭކަ ފަންސަވީސް މިލިއަން ފަސްލައްކަ ނުވަދިހަހާސް ދުއިސައްތަ ތިރީސް ހަތަރު ރުފިޔާ ނުވަދިހަ ދެލާރި) އެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން/ ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި، ދާޚިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެލިވެލެއްވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން/ ފޮޓޯ: ޕޮލިސް
އޭގެ އިތުރުން ނޫސްވެރިންނާއި، މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓު ކުރި އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.

