އިބްރާހީމް ދީދީ (ޑީޑީ)، ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ މީހުން ނަމޫނާއަކަށް ބަލަން ރަނގަޅު ޝަހުސިއްޔަތެއް
ހަޔާތުގައި މިހާތަނަށް ކުރިމަތިލި ކޮންމެ ދާއިރާއަކުން ފަހުރުވެރި ކާމިޔާބުތަކެއް ހާސިލު ކުރައްވާފައިވާ މީހުންނާ ގުޅޭ ކަންކަން ރާވައި ހިންގުމުގަި އެފަދަ ދެވަނައެއް ނެތް އިބްރާހީމް ދީދީ އާންމު ނަމުންނަމަ ޑީޑީ މި ހަލަބޮލި ދުނިޔެއަށް ފުރަތަމަ ނޭވާލީ 1 ޖެނުއަވީ 1975 ގައި ގއ ކޮލަމާފުށީ ސޯސަންގެ އަށެވެ.
ބައްޕައަކީ ތައުލީމީ ގޮތުންނާއި ސިޔާސީ ގޮތުން މުޅި އައްޑުއަތޮޅުވެސް އެ އާއިލާއަކަށްޓަކައި ފަހުރުވެރިވާ ގަނޑަވަރަ އާއިލާއަށް ނިސްބަތްވާ މުހައްމަދު ދީދީ އެވެ. މަންމައަކީ، ގއ ކޮލަމާފުށީ ސޯސަންގޭ މަރިޔަމް ޝަރީފާއެވެ. ޑީޑީ އަކީ، 8 މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ މި ޢާއިލާގެ ދެވަނައަށް އެންމެ ދޮށީ މެމްބަރެވެ. އަބަދު ވެސް، ހިނިތުންވުމާއެކު މީހުނާ ބައްދަލުކުރާ، ރުޅި މަޑު، ކެތްތެރި، ސަކަ މިޒާޖުގެ، ޑީޑީ އަކީ، ކޮންމެ މީހަކަށް ވެސް، ފަސޭހައިން މުޢާމަލާތު ކުރެވޭ، ރައްޓެހިން ގިނަ، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ފަސޭހަ ބޭފުޅެކެވެ.

ޑީޑީގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅުނީ، އަމިއްލަ ރަށް، އގ .ކޮލަމާފުށީގައި ހުންނަ، އެ އަތޮޅުގެ އަތޮޅު މަދަރުސާއިންނެވެ. މަދަރުސީ ތަޢުލީމުގެ މަރުޙަލާގައި ޑީޑީ އަކީ، ތޫނުފިލަ، ބަސްއަހާ، އަޚުލާގު ރަނގަޅު، ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރި، މުދައްރިސުން ލޯބިވާ ދަރިވަރެކެވެ. ތަޢުލީމީ ގޮތުން، ރަށުގައި ހުރެގެން ދެވެން އޮތް އެންމެ މަތީ ހަރުފަތަށް ވާޞިލްވުމަށް ފަހު، 1991 ގައި، ޑީޑީ ދެން ބަދަލުވީ މާލޭ އިންގިލިޝް ސްކޫލް (އެމް.އީ.އެސް) އަށެވެ.
ކޮންމެ ރޮނގަކުން ވެސް ދެވެން އޮތް އެންމެ މަތީ ހަރުފަތަށް ވާޞިލް ވުމުގެ ޢަޒުމުގައި އަބަދު ވެސް ހުންނަ، ޑީޑީ ގެ ނަޒަރު ދެން ހުއްޓުނީ، އިނިސްޓިޓިއުޓް އޮފް ޓީޗަރސް އެޑިޔުކޭޝަން، މިހާރުގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށެވެ.
1991 އިން 1993 އަށް އެ ފެކަލްޓީގައި ޓީޗާރސް ޓްރޭނިން ނިންމިއެވެ. އެއަށް ފަހު، 2003 އިން 2004 އަށް މަންދުން ކޮލަޖުން، އެޑްވާންސް ސެޓްފިކެޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ހާޞިލް ކުރެއްވިއެވެ.
މި ހިސާބުން، ތަޢުލީމީ ގޮތުން އިތުރު ހަރުފަތަކަށް ވާޞިލު ވުމަށްޓަކައި ޑީޑީ މިސްރާބު ރާއްޖޭގެ އަސްކަނިން ބޭރަށް ހުއްޓުނެވެ. އާދެ، އިނގިރޭސިވިލާތުގެ ރަސަލް ގުރޫޕުގައި ހިމެނޭ، މަޝްހޫރު ކާޑިފް ޔުނިވަރސިޓީން 2014 އިން 2016 އަށް، ބިޒިނަސް މެނޭޖުމަންޓްގެ ރޮނގުން މާސްޓަރސް ހާޞިލް ކުރެއްވިއެވެ.

ވަޒީފާ ނުވަތަ މަސައްކަތުގެ މައިދާނުގައި ޑީޑީ ވެފައިވަނީ، އޭނާ މަސައްކަތް ކުރެއްވި ކޮންމެ މުއައްސަސާއެއްގައި ވެސް، ފާން ތަރިއަކަށެވެ. ޑީޑީ އަކީ ފުދުން ތެރިކަން ކުޑަ އާއިލާއަކަށް ނިސްބަތްވާ 6 މެމްބަރުންނަށް، ހޭހަން ކޮށްދޭންޖެހޭ ފަރާތްކަން، އެންމެ ހިދުކޮޅަކަށް ވެސް ހަނދާން ނައްތާ ނުލައްވައެވެ.
ޑީޑީގެ އެންމެ ޚާއްޞަ އެއް ސިފައަކީ، ޙައްޤު، ޙަލާލު މަސައްކަތެއް ނަމަ، ކޮންމެ މަސައްކަތެއް ކޮށްގެން ވެސް އާމްދަނީ ހޯދުމެވެ. ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ބޭކާރުގޮތުގައި ހޭދަ ނުކުރުމެވެ. އެހެންކަމުން، ރަސްމީ ތަޢުލީމުގެ މަރުހަލާ ނިންމާލުމަށް ފަހު، މަތީ ތަޢުލީމަށް ފުރުޞަތު ލިބުމާ ހަމައަށް ދިޔަ ކުރު މުއްދަތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކޮށް، މަސްވެރިން ބުރަ، އަގުހުރި، މިންނެތް މަސައްކަތް، ގާތުން ދުށުމުގެ ފުރުޞަތު ހޯއްދެވިއެވެ.
ޓީޗާރސް ޓްރެއިނިން ކޯސް ނިންމުމަށް ފަހު، އުނގެނުނު ޢިލްމު، އެހެން މީހުންނަށް އުންގަންނައި ދިނުމުގެ މަތިވެރި، މާތް، ބުރަ މަސައްކަތް ކުރުމަށް، ޑީޑީ މިސްރާބު ޖެހީ، އޭނާގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅި އގ .އަތޮޅު މަދަރުސާއަށެވެ. އާދެ، ރަށަށް ޚިދުމަތް ކުރެއްވުމުގެ، ބަރަކާތްތެރި މަސައްކަތް ކުރުމަށެވެ. 1996 އިން 2006 އަށް، އގ .އަތޮޅު މަދަރުސާގައި، ޑީޑީ ޚިދުމަތް ކުރައްވަން ފެއްޓެވުން ވެގެން ދިޔައީ އެ މަދަރުސާގައި، އުނގަންނައި ދެމުންދިޔަ ތަޢުލީމާއި، އިތުރު ހަރަކާތް ތަކަށް ލިބުނު އިތުރު ހަކަތައަކަށެވެ. މީގެ ސަބަބުން އެ މަދަރުސާގެ ތަޢުލީމާއި އިތުރު ޙަރަކާތްތައް އިތުރު ގިޔަރު ތަކަކަށް އުފުލިގެން ދިޔައެވެ. ކުލާހުގައި ކިޔަވައި ދިނުމާއި، ދުވަހުން ދުވަހަށް ހަދަން ޖެހޭ ލެސަން ޕްލޭން ހެދުމާއި، ދަރިވަރުންނަށް ދޭ މަސައްކަތު ކަރުދާސް ތައްޔާރުކުރުމާއި، ދަރިވަރުންގެ މަސައްކަތް މާކުކުރުމާއި، ޓެސްޓް ޕޭޕަރު ތައްޔާރުކުރުމާއި، ޕޭޕަރު މާކުކުރުމާއި، އަދި ރިޕޯޓް ފޯމު ތައްޔާރުމުގައި ވެސް، ޑީޑީ ފަހަތަށް ޖައްސާލެވޭ ވަރުގެ އެއްވެސް ޓީޗަރަކު، އޭރު ނެތޭ ބުނުމަކީ، އެހެން ޓީޗަރުންނަށް ވެވޭ ބޭއިންސާފަކަށް ނުވާނެއެވެ.

ރަނގަޅަށް ހިނގާ ސްކޫލެއްގެ، އެންމެ މުހިއްމު ބަޔަކީ ކުޅިވަރާއި އިތުރު ހަރަކާތެވެ.
ކުޅިވަރާއި އިތުރު ހަރަކާތުގައި ވެސް ޑީޑީ ވަރެއް ނެތެވެ . ސްކޫލުގެ ހަތަރު ހައުސްގެ ތެރެއިން ޑީޑީ އަކީ ސަލާޙުއްދީން ހައުސްގެ ހައުސް މާސްޓަރެވެ. ކޮންމެ ދުވަހަކު، ރަސްމީ ސެޝަން ނިމުމުން، ކުކުޅުގެ ފަހަތުގައި، ފިޔޮއްތައް ތިބޭހެން، ކުދިން ޑީޑީގެ ފަހަތުގައި ތިބެއެވެ. ފުޓްބޯޅަ، ވޮލީ ނެޓްބޯޅަ، ބަށި ފަރިތަ ކުރާއިރު އެ ތާނގައި، ޑީޑީ ނެތް ވަގުތެއް ނުދެއެވެ. ބަހުސްކުރުމާއި، ވާހަކަދެއްކުން ފަދަ އަދަބީ ހަރަކާތް ހިނގާއިރު، ހައުސްގެ ކުދިންނަށް އިރުޝާދުދޭ، މުރުޝިދެއްގެ ގޮތުގައި އަބަދު ވެސް ޑީޑީ ހުންނަވައެވެ.

އަތޮޅު ތެރޭގެ ސްކޫލް ތަކަކީ، އޭރު އިތުރު ހަރަކާތްތައް ހިންގަން، މާ ބޮޑު ބަޖެޓެއް އޮންނަ ތަންތަނަށް ނުވުމުން، ގިނަ ފަހަރަށް، މި ކަހަލަ ކަންކަމަށް ޚަރަދު ކުރަނީ، ހައުސްއާ ހަވާލުވެ ތިއްބަވާ މުދައްރިސުންގެ ޖީބުންނެވެ. މިކަމުގައި ވެސް ޑީޑީ އަކީ ނަމޫނާ ޓީޗަރެކެވެ. ދަރިވަރުން އެދޭ ގޮތަށް، ހައުސްއަށް ކާމިޔާބު ހޯދައި ދިނުމަށް، ޑީޑީ ވަޖިދު ވެފައިވާ ވަރުން، ޑީޑީގެ ޖީބުގ ހުސްވެގެން ދިޔަޔަސް ފަރުވާލެއް ނުބަހައްޓައެވެ.
ނަތީޖާ އަކީ، ކުޅިވަރާއި އަދަބީ ހަރަކާތްތަކުން ވެސް، ޑީޑީ ގެ ހައުސް، މެދު އުޑުގައި ފިޔަ ޖެހުމެވެ.

"ޅަފަތުގައި އުނގެނޭ އުނގެނުމާއި ދޭ ތަރުބިއްޔަތު، ހިލައިގައި ކަނޑާ ނެގުން ފަދައޭ". ބުނާ ޢަރަބި މުހާވިރާގައި ވާފަދައިން، ދަރިވަރުންގެ، ޝަޚުޞިއްޔަތު، ޅަފަތުގައި ބައްޓަން ކުރުމަށް، ޑީޑީ ވެލެއްވީ ގުރުބާނީގެ ފޮނި މޭވާ، މިއަދު ޑީޑިއަށް ދަނީ ލިބެމުންނެވެ. ކޮލަމާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހަށް، ޑީޑީ ކުރިމަތިލައްވާކަން އިޢުލާން ކުރެއްވުމާއެކު، ރީދުލަކަށް، ރަތަކަށް، ފިޔާތޮއްޓަކަށް، ބެލުމެއް ނެތި، އަދި ސިޔާސީ ފިކުރު އެއްކިބާކޮށް، ޑީޑީއަށް އިންތިޚާބު ކާމިޔަބު ކޮށްދިނުމަށް، ވަކިވަކިންނާއި، ބައިބަޔަށާއި، ޖަމާޢަތް ޖަމާޢަތަށް، ޑީޑީގެ ކެމްޕޭން ޓީމާއި ގުޅުނީ، އޭރު ޑީޑީ ތަރުބިއްޔަތު ކުރި ކުދިންނެވެ .އާދެ ހަމައެކަނި ޑީޑީއަށް ޓަކައެވެ .ނަތީޖާއަކީ، ވާދަވެރި ޕްރައިމަރީ ގައި އޭ ސްޓަރ އެއް ޑީޑީ ހޯއްދެވުމެވެ.
ޑީޑީ ވަނީ ތަޢުލީމީ ދާއިރާގައި އުންގަންނައި ދިނުމާއި، އުނގަންނައިދިނުން ވިލަރެސް ކުރުމާއި، ސްކޫލް ހިންގުމުގައި ވެސް، އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ .މި ގޮތުން ރާއްޖޭގެ ތައުލީމުގެ އެންމެ އުސް މުންނާރު ކަމުގައިވާ، މަޖީދީއްޔާސް ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި 2006 އިން 2008 އަށް، މަސައްކަތްކޮށް، އެ ސްކޫލް ދަރިވަރުންނާއި ޓީޗަރުންނާއި ސީނިޔަރ މެނޭޖުމެންޓްގެ އިތުބާރާއި ލޯބި ހޯއްދެވިއެވެ.
އިތުރު އާމްދަނީ ބޭނުންވާތީ، ތަޢުލީމީ ދާއިރާ ދޫކޮށް، ރާއްޖޭ ބޮޑު ވިޔަފާރިކުންފުންޏަކާ ގުޅި އެ ރޮނގުން ވެސް ކާމިޔާބު މަސައްކަތްތަކެއް، ޑީޑީ ކުރެއްވިއެވެ.

2006 އިން 2008އަށް، ޔޮޓް ޓްއަރސް މޯލްޑިވްސްގެ އޮޕްރޭޝަން މެނޭޖަރެއްގެ މަޤާމާ ހަވާލުވުމަށް ފަހު، މި ދާއިރާގައި ވެސް ޑީޑީ ދެއްކީ ކާމިޔާބު މުރާލި، އިޚުލާސްތެރި، ޚިދުމަތްތެރިއެއްގެ ނަމޫނާއެވެ. ނަތީޖާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި، ފުލުފުލުގައި، ޑީޑީއަށް މަގަމުގެ ކުރިން އެރުން އޮހުމެވެ. މި ގޮތުން ޔޮޓް ޓްއާރސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުކަމާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކުންފުންޏަށް، އަގު ނުކުރެވޭ ފަދަ އަރުތަ ތަކެއް ހޯއްދަވައި ދެއްވިއެވެ. ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު އަތޮޅު، ކަމަށްވާ، ހުވަދު އަތޮޅަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގެ މުހިއްމު މަސައްކަތް، ޔޮޓް ޓުއަރސް އިން ކާމިޔާބު ކަމާއެކު ތަޢާރަފު ކުރިއިރު، އެ މަސައްކަތް ކުރުމުގެ އިސް މޭސްތިރިއަކީ ޑީޑީއެވެ.
އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރުމުގެ ފިކުރާއި ވިސްނުން ގެންގުޅޭ، ދުރު ވިސްނޭ ޑީޑީ، ދެން އަދާ ކުރެއްވި ވަޒީފާއަކީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިޔުނިޓީ އެމްޕަވަރ މަންޓްގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަޤާމެވެ. ވަތަނީ ފިކުރުގެ ޑީޑީ އަކީ، މަޤާމަށް ވުރެ އަބަދު ވެސް ޤައުމު އިސްކުރައްވާ ބޭފުޅަކަށް ވާތީ، ނިމިދިޔަ ސަރުކާރުގެ މިސްރާބު ރަނގަޅު ނޫންކަން އެނގުނު ހިސާބުން، ޑީޑީ އެ މަޤާމުން އިސްތިއުފާ ދެއްވީ މަގާމުގައި ދެމިހުރުމަށް އެ ތައް ފަރާތްތަކުން އެދި އެދި ތިއްބަވަނިކޮށެވެ.
ޑީޑީ އަކީ ރަށްވެހިކަން ދިރުވުމަށާއި، ރަށުގެ ތަރައްޤީއަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރެއްވުމުގައި، އެ ފަދަ ދެވަނަ އެއް ނެތް ފަދަ ބޭފުޅެކެވެ. ރަށުގައި ވަޒީފާ އަދާކުރެއްވި އިރު، ރަށްކުރިއަރުވާ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން، ރަށުގައި، ރައްޔިތުންގެ އަމިއްލަ ކަރަންޓް ޤާއިމު ކުރުމަށާއި، ފަޅުން ފުންކުރި ސަރަޙައްދުގައި ތޮށިލުމާއި، ސިއްޙީ މަރުކަޒު ޢިމާރާތް ކުރުން ފަދަ މަސައްކަތް، ރަށް ކުރިއަރުވާ ކޮމެޓީން ކުރިއިރު ޑީޑީގެ ހިއްސާ ވަރަށް ބޮޑެވެ.

ރާއްޖޭގައި އޭރު އެންމެ ކާމިޔާބު ކަމާއެކު ހިންގަމުންއައި އަމިއްލަ ޖަމިއްޔާ، ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު(ސްކައި) ޖަމިއްޔާއިން ރަށުގެ ތައްރައްގީއަށް ގެނައި، އިންގިލާބީ ހެޔޮ ބަދުގެ މޭސްތިރިންގެ އިސް ސަފުގައި ޑީޑީ ހިމެނެއެވެ. އޭރު އެޓީމުގެ މޮޓޯ އަކީ "އަހަރަމެން މި ފަށަނީއޭ. އަހަރަމެންނާ ބައިވެރިވާށޭ…" މި މޮޓޯގެ ދަށުން ރަށުގައި ޢިމާރާތް ކުރި 120 ފޫޓު ދިގު 30 ފޫޓް ފުޅާ، އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ކުރުމުގައި، ސިމެންތި ގެށުމާއި ގާއެޅުމާއި ވެއްޔާއި އަކިރިއާއި ސިމެންތި (ކޮނޑު މަތީގައި) އުފުލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށްޓި މީހުންގެ ތެރޭގައި ޑީޑީ ހިމެނެއެވެ. މި ނޫނަސް މިޖަމިއްޔާއިން ހާޞިލްކުރި، ކުޅިވަރާއި އިޖުތިމާޢީ ކަންކަމުގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޑީޑީ އަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.
ޑީޑީގެ އިސް ނެގުމުގެ ތެރެއިން، ހިލޭ ސާބަހަށް، ކުރި އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، 2006 ވަނަ އަހަރު ކޮލަމާފުށީގައި ފާހަގަ ކުރި މަސްވެރިންގެ ދުވަހުގެ ކަންކަން ހިންގުމަށް އެކުލަވާލި ޓާސްކްފޯހުގެ ޖަޑިބުގެ ގޮތުގައި ހުންނަވައިގެން ޑީޑީ ކުރެއްވި އަގުހުރި ބުރަ މުހިއްމު މަސައްކަތެވެ .
މި މަސައްކަތަށް ރަށުގެ ރައްޔިތުންނާއި ރަސްމިއްޔާތަށް، ބޭރު ރަށްރަށުން، ރަށަށް ވަޑައިގެންނެވި ބޭފުޅުންގެ ތަޢުރީފުގެ ބަސްތައް، ޑީޑީ އަށް އޮހުނީ، ޖޫންޖުލައިގައި އަންނަ ބޮޑު ކޮޅިގަނޑަކުން ކެރި ވެހޭ ފަދައިންނެވެ.
މުޅި ރަށުގެ ހުރިހާ މަގު ފާރުތަކުގައި ސިމެންތި ޖަހައި ކުލަ ލައި، އަތިރިމަތީގައި ޕާކުތަކާއި، މަރިޔާދު ގެތައް ހެދުން ފަދަ، ގިނަ ޚަރަދުތައް ހިނގި، މުޅި މަސައްކަތް ނިމުނު އިރު، ކޮރޮޕްޝަނާއި ނަހަމަ ނުފޫޒުގެ ތުހުމަތެއް ވެސް ޑީޑި އަށް ކޮށްފައި ނުވުމުން، ޑީޑީ ގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަން ހުރި މިންވަރު ސާބިތުވެއެވެ.

ޑީޑީގެ ޝަޚުޞިއްޔަތުގައި ހުރި އެންމެ ޚާއްޞަ ސިފައަކީ، ގައުމު އިސްކުރުމެވެ.
ވަތަނީ ފިކުރެކެވެ. ނިމިދިޔަ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރުމަށް ފަހު، ޑީޑި އިސްތިއުފާ ދެއްވާފައި، ގައުމީ ފިކުރުގެ ޓީމާ، އާދެ ދިވެހިންގެ ރާއްޖެ ޓީމާ ގުޅުމުން، އެތައް އިންޒާރުތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނަސް "ޑަރު" ވެސް ހީނުވެއެވެ. ވަތަނީ ފިކުރުގެ، ޔޫކޭ ޓީމުގެ އިސްބޭފުޅުންގެ ލަފާގެ މަތިން މުޅި ކެމްޕޭނުގެ މުގުލުގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ޑީޑީއެވެ. އެމް.ޑީ.ޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް ކޮލަމާފުށިން، ރިޔާސީ އިންތިޚާބުގައި، "ދިވެހިންގެ ރާއްޖެ" އަށް ބޮޑު އަޣުލަބިއްޔަތެއް ލިބުމުގައި ޑީޑީ މުރާލި މަސައްކަތް ވަރަށް މުހިއްމު ދައުރެއް އަދާކުރިއެވެ .
ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނެއްގެ ދައުރު ވެޔޭ ބުނާ ފަދައިން، ޑީޑީގެ، ކާމިޔާބީގެ އެންމެ އިސް، އާރުކާޓީއަކީ އިޙުސާނާ އެވެ. މިއަދު ޑީޑީ އަކީ ވަފާތެރި ފިރިއެކެވެ.
އުފާވެރި އާއިލާއެއްގެ 4 ކުދިންގެ ބައްޕައެކެވެ. އަމިއްލައަށް ވި ގުރުބާނީ ތަކެއްގެ ސަބަބުން، އެތައް ހާސްބައެއްގެ ލޯބި ހޯއްދަވާފައިވާ ނަމޫނާ ޝަޚުޞިއްޔަތެކެވެ.

