ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލު ސިފައިން ބޮން އަޅައި، ފަލަސްތީނުގެ 14 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި އެތައް ބަޔަކު ވެއްޓިފައިވާ އިމާރާތްތައް ދަށުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ މި ހަމަލާ ދީފައި މިވަނީ ފަލަސްތީނުގެ ރަފާހުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި 11 މީހުން މަރުވިތާ މާގިނަ އިރެއް ނުވަނީސްއެވެ. ރަފާހުގައި އެންމެ ފަހުން ދިން ހަމަލާގައި އަލްސަލާމް އަވަށުގައި ހުރި ހަތަރު ބުރީގެ އިމާރާތެއް ހަލާކުވެފައިވެއެވެ. މި ހާދިސާގައި ހަ ކުއްޖަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. ރެސްކިއު ވޯކަރެއް ކަމަށްވާ އަހްމަދު ރަދުވާން ބުނެފައިވާ ގޮތުގައި ހަމަލާ ދިން އިމާރާތަކީ އާންމުން ދިރިއުޅެމުން ދިޔަ އިމާރާތެއް ކަމަށާއި އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.
އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މަރުވެފައިވާ އެތައް ބަޔެއްގެ ހަށިތައް ނަގައި ޒަހަމްވި އެތައް ބަޔަކު ސަލާމަތްކޮށް ފަރުވާ ދެމުން ގެންދާކަމަށާއި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ އިމާރާތްތައް ދަށުގައި އެބަތިބި ކަމަށެވެ.
"ވަސީލަތްތައް ވަރަށް މަދު. ހަނގުރާމަ ކުރާތާ 6 މަސް ވެފައި ވާ އިރު ސާޗް އެންޑް ރެސްކިއު އިކުއިޕްމަންޓްތައް އޮޕަރޭޓް ކުރާނެ ތެޔޮ ވެސް މިހާރު ނެތް. އިމާރާތްތައް ދަށުގައި ތިބި އަންހެނުންނާއި ކުޑަކުދިން ސަލާމަތް ކުރުމަށް ހެވީ އިކުއިޕްމަންޓް ބޭނުންވޭ. ނަމަވެސް ހިތާމައަކީ އެކަން ކުރުމުގެ ގާބިލުކަމެއް ނެތް." އޭނާ ބުނެފައި ވެއެވެ.
މީހުން ސަލާމަތް ކުރުމަށް ޓަކައި މިހާރު ބޭނުން ކުރަމުން ގެންދަނީ ވަރަށް ދުވަސްވީ ބާ އާލާތްތަކެކެވެ. ގިނަފަހަރު މި މަސައްކަތް ކުރަން ޖެހެނީ އަތުންނެވެ.
އިސްރާއިލުންވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ އިތުރުން ޣައްޒާގެ އުތުރާއި މެދުތެރޭގެ ޖަބާލިއާ އަދި ނުސޭރަތު ރެފިއުޖީ ކޭމްޕްތަކަށް ވެސް ވައިގެ ހަމަލާތަކެއް ދީފައެވެ. ޖަބަލިއާ އާއި ނުސޭރަތުގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކު ޒަހަމްވެފައިވާއިރު ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. ޣައްޒާއަށް މި ހަމަލާތައް އައިސްފައި މިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރޭމް ސިޓީއާއި، ކަލްކިލިއާ ސިޓީ ކައިރީގައި އޮންނަ އައްޒޫން އަދި ޖަޔަޔޫސް އަވަށުގެ އިތުރުން ހެބްރޯން ސިޓީގެ އުތުރުން އޮންނަ އަލްއަރޫބް ރެފިއުޖީ ކޭމްޕަށް ވެސް އިސްރާއީލު ސިފައިން ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 30،320 މީހުން ޝަހީދުވެ 71،533 މީހުން ވަނީ ޒަހަމްވެފަ އެވެ. އިސްރާއީލުން ޣައްޒާއަށް ދިން ނުރައްކާތެރި ޙަމަލާތަކާއި އެސަރަހައްދު ބަންދުކުރުމުގެ ސަބަބުން، 2.3 މިލިއަން މީހުން ވަނީ ބަނޑަށް ޖެހިފައެވެ. އިސްރާއީލު ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެހީ ފޯރުކޮށްދޭ ހިސާބަށް ދިޔަ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް ބަޑީގެ ހަމަލާތަކެއް ދީ 118 މީހުން ޝަހީދުކޮށްލާފައެވެ. މި ހަމަލާގެ ސަބަބުން މުޅި ދުނިޔޭގެ ނުރުހުން އެމީހުންނަށް އިތުރުވެގެން ދިޔައެވެ. އެއާއެކު އެމެރިކާއިން ވަނީ ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވައިގެ މަގުން ފޯރުކޮށްދީފައެވެ. މި އޮޕަރޭޝަންގައި ޖޯޑަންގެ ސިފައިންވެސް ވަނީ ބައިވެރިވެފައެވެ.
ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ދާއިރު، އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައިވަނީ ހަނގުރާމަ ހަ ހަފުތާއަށް މެދުކަނޑާލުމަށް ހުށަހެޅުމެއްގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ. އޮފިޝަލް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި އިސްރާއީލުން މި ހުށަހެޅުން ކޮންމެވެސް މިންވަރަކަށް ބަލައިގެންފައިވާ ކަމަށާއި މިވަގުތު އެ ޒިންމާ ނަގަންޖެހެނީ ހަމާސް ޖަމާއަތުން ކަމަށެވެ. މިސްރުގެ ސަލާމަތީ ދެ ފަރާތަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނީ އިޒްރޭލާއި ހަމާސްގެ ވަފުދުތައް މަޝްވަރާއަށް އާދީއްތަ ދުވަހު ގާހިރާއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

