އެއްވެސް މީހަކު އަމިއްލަ ނަމާއި އަމިއްލަ މަގާމާއި މީހުންގެ މެދުގައި އޭނާއަށް ލިބިފައިވާ ގަދަރު ނެތިގެން ހިނގައިދާނެތީ އަމިއްލަ ބަނޑުގައި ނުވަމަހު ގެންގުޅުނު ތިމާގެ އުފަން ދަރިފުޅު ތިމާގެ ދަރިއެއްގެ ބަދަލުގައި އެއީ ތިމަންނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ ބުނެ އެންމެނަށް ތައާރަފްކޮށްދޭން ކެރިދާނެބާވައެވެ. އަދި ދެން އެވަރުންވެސް ހިތްހަމަޖައްސަ ރަހުމު ކުޑަ ގޮތަކަށް އެ ދަރިފުޅު މަރާލަފާނެބާވައެވެ. އަދި މަރާލުމަށްފަހު އެ ހަށިގަނޑު އަންދައި ފަޅު ޖަންގައްޔަކަށް ދޫކޮށްލާފައި އައިސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި، އުޅެފާނެ ބާވައެވެ.
މިއީ 2012 ވަނަ އަހަރު އެއްރޭ ޝީނާ ބޯރާ ވީނުވީ ތަނެއް ނޭނގި ގެއްލުނު ވާހަކައިން އުފަންވި ހަގީގަތެކެވެ. 3 އަހަރުވީއިރު ޝީނާ ކޮބައިތޯ ބަލާލި މީހަކުވެސް ނެތެވެ. ކުއްލިއަކަށް ޒުވާން އަންހެންކުއްޖަކު ގެއްލުނީއެވެ. އަދި 3 އަހަރު ފަހުން އެ އަންހެންކުއްޖާ ގެއްލުނީ ނޫންކަމަށާއި މަރާލީ ކަމަށް ސިއްރު މައުލޫމާތަކަށް ހައްޔަރު ކުރާ އިންދިރާނީ މުކަރްޖާ ގެ ހާއްސަ ޑްރައިވަރުގ ފަރާތުން އެނގުނެވެ.
އަދި ދެން އެހިސާބުން އިންޑިޔާގެ އެންމެ ވަރުގަދަ މީޑިޔާ ޓައިކޫން އިންދިރާނީ މުކަރްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ފެށްޓިއެވެ. ހަމަ ފަސްފަހަތުން އިންދިރާނީގެ ފިރިމީހާ މީޑިޔާ ޓައިކޫން މަޝްހޫރު ސްޓާރ މީޑިޔާގެ ކުރީގެ ވެރިފަރާތް ވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔައެެވެ. ބަލަބަލައި ތިއްބާ ކުރީގެ ފިރިމީހާ ވެސް ގެންދިޔައީއެވެ. އޭރު މުލި ދުނިޔެއަށްވެސް އެނގިގައި އޮތީ ޝީނާ ބޯރާއަކީ އިންދިރާނީގެ ކޮއްކޮގެ ގޮތުގައެވެ. އަދި އެއީ ޔަތީމު އަރީބު ކުއްޖެއް ގޮތުގައެވެ.
އަދި ދެން މިހިސާބުން މުޅި ދުނިޔެ ސިއްސުވާލީ ޝީނާ ބޯރާގެ ހަގީގަތެވެ. އެ މައުސޫމު މޫނުމަތިން ފެންނަ ހިނިތުންވުމުގެ ފަހަތުގައި ފޮރުވައިވާ ނޭނގޭ ރިހުމާއި ވޭނުގެ އަސްލު ހާމަވެގެންދިޔަ ހަގީގަތް، ޝީނާ އަކީ އިންދިރާނީގެ ކޮއްކޮ ނޫންކަމާއި އެއީ އިންދިރާނީގެ މާޒީގައި ވަޅުލާފައިވާ ބޮޑު ސިއްރެއްކަން އެނގިހާމަވެގެން ދިޔައެވެ. ޝީނާއަކީ އިންދިރާނީގެ ކޮއްކޮއެއް ނޫނެވެ. އެއީ އިންދިރާނީ، ރަށްފުށުގެ އަވަށުގެ އާދައިގެ ދިރިއުޅުން ދޫކޮށް ދިއްްލީ، ބޮމްބޭ ފަދަ ޝަހަރުތަކުގެ އަލިކަމަށް ވާން، ގުއާޓީ ދޫކޮށްލިއިރު އޭނާގެ މުސްކުޅި މަންމައާއި ބައްްޕަގެ އަތްމައްޗަށް ދޫކޮށްލި ދެ ދަރިންގެ ތެރެއިން ދޮށީ އަންހެންދަރިފުޅެވެ.
ނެޓްފްލިކްސް އަށް އިހަށްދުވަހު އައި ޑޮކިއުމަންޓަރީ ސީރީޒް “ދި އިންދިރާނީ މުކަރްޖާ ސްޓޯރީ: ބަރީޑް ޓުރުތު” ގައި މިކޭސްގެ ތަފްސީލު ނުހަނު ހާމަކަންބޮޑު ގޮތަަށް ވަނީ ގެނެސްދީފައެވެ.
މި ޑޮކިއުމެންޓްރީ ސީރީޒް ނެޓްފްލިކްސްއިން ރިލީޒްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ބޮމްބޭ ހައި ކޯޓުން އެ ސިލްސިލާ ސްޓްރީމް ކުރުމާ ދެކޮޅަށް ސީބީއައިއިން ހުށަހެޅި މައްސަލަ ބޭރުކޮށްލުމުންނެވެ. ޝީނާ ބޯރާ މަރާލި މައްސަލާގައި 2015 ވަނަ އަހަރު އިންދްރާނީ މުކަރްޖީ ހައްޔަރުކޮށް 2022 ވަނަ އަހަރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އާ ވާހަކަތަކާއި ހީވެސް ނުކުރާ ފަދަ އެކްސެސްތަކެއް ހިމެނޭ މި ޑޮކިއުސީރީތަކުގައި އުމުރުން 25 އަހަރުގެ ޝީނާ ބޯރާ ގެއްލުނު ހާދިސާއާއި އޭގެ ފަހުން ދިމާވި ހިތާމަވެރި ހާދިސާތައް ދައްކުވައިދެ އެވެ. ޝީނާ ބޯރާގެ މަރާ ގުޅިގެން މީޑިއާގައި ވަނީ އަޑުގުގުމާފަ އެވެ.

