ފެނަކަ ކޯޕަރޭޝަން ތެރޭގައި އޮތީ އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ނިންމައިފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވަނީ އެ ކުންފުނި އޮތް ހާލަތު ވަރަށް ތަފްސީލްކޮށް ކިޔައިދެއްވައިފަ އެވެ.
މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން ތިބި ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވިދާޅުވި އެވެ.
“އާމްދަނީގެ ގޮތުގައި ފެނަކައަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މި ދެނީ. އޮޕަރޭޝަންތަކަށް ވެސް ބޭނުންވާނެ ފައިސާ. މިއަދުގެ ހާލަތަކީ މިއީ. މި ހާލަތަށް ފެނަކަ ވެއްޓެން މެދުވެރިވި ސަބަބާ މެދު ޖެހޭ ވިސްނާލަން،” މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކުންފުނީގައި މިވަގުތު 502 ޖެންސެޓް ބޭނުން ކުރަމުން އަންނަ ކަމަށާއި އެ ޖެންސެޓް ތެރެއިން 302 ޖެންސެޓް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. ރަށެއްގައި ތިން ޖެންސެޓް ހުރި ނަމަ، އޭގެ ތެރެއިން ދެ ޖެންސެޓް ހުންނަނީ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“މިދިޔަ ފަސް އަހަރު ތެރޭގައި މެއިންޓެނަންސަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބަބު ވަރަށް ސާފު. އެއީ ޖެންސެޓްތައް ގަތުން، ހަމަ ހުސްވީމަ ގަނެފައި ގެންދާ އުސޫލުން ޖެންސެޓްތައް ބޮޑު ވިޔަފާރިއަކަށް ހަދާފައި އޮތީ،” މުއާޒު ވިދާޅުވި އެވެ.
“2022 އަދި 2023 އެކަނި 90 ޖެންސެޓް ފެނަކައަށް ގަނެފައި އެބަހުރި ހިސާބުތަކުން ފެންނަން. އެކަމަކު އަޅުގަނޑުމެންގެ ހާލަތަކަށް ބަދަލެއް ނާދޭ. ހުރިހާ ޖެންސެޓެއް ހަލާކުވެފައި ހުރީ. ކީއްވެގެންތޯ؟ މެއިންޓެނަންސަށް ސަމާލުކަމެއް މީގެކުރީ މެނޭޖްމެންޓެއް ދީފައި ނެތީ.”
ޖެންސެޓްތައް މަރާތު ނުކޮށް ހުއްޓަސް، މުއާޒު ވިދާޅުވި ގޮތުގައި ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހަރަދުތަކުން ދައްކަ އެވެ. ޖެންސެޓްތަކަށް ބޭނުންވާ ސާމާނު ވެސް މިދިޔަ ފަސް އަހަރު ތެރޭގައި ގަނެފައި ނެތް ކަމަށާއި އެހެންވެ، ޖެންސެޓްތައް ހަލާކުވެ އަނެއްކާ އާ އެއްޗެއް ގަންނަން ޖެހެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
“އެހެންވީމަ ފެނަކައިން ކޮށްފައި އޮތީ މި ވިޔަފާރި. މިގޮތަށް ހަދައި އިންޖީނުތައް ހަލާކުކޮށްފައި އަނެއްކާ އާ އިންޖީނުތައް ގެނެސްފައި ބޮޑު ވިޔަފާރިއެއް ކޮށްފައި އޮތީ. ހިސާބުތަކުން ފެންނަން ހުރި ކަންތައްތަކެއް އަޅުގަނޑު މި ދަންނަވަނީ،” މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ޖެންސެޓްތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް އޮތް އިރު، ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. ހުރިހާ ވަސީލަތަކާ އެކު ސާވިސް ސެންޓަރެއް 60 މިލިއަން ރުފިޔާއަށް ގާއިމް ކުރެވޭނެ ކަމަށާއި އެ ސެންޓަރު ހަދަން މިހާރު ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ނަމުގައި ވެސް ފެނަކައިން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި ކޮންމެ އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް ފެނަކައިގައި އަމިއްލަ ދޯންޏެއް، ލޭންޑިން ކްރާފްޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

