ބ. ކުޑަރިކިލު ރަށްގިރުމުގެ މައްސަލައާއި، ނަރުދަމާ ބެލެހެއްޓުމުގައި ހުރި ދަތިތައް އެރަށު ކައުންސިލުން ރައީސްއާ ހިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން އެރަށު ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށައި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާގެ ޖާގައިގެން ދަތިކަމާއި އައު މިސްކިތެއްގެ މުހިންމުކަން ރައީސްއާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ކުޑަރިކިލު އަންހެނުންގެ ކޮމިޓީން ވަނީ ޖަލްސާކުރާ މާލަމެއްގެ އިތުރުން އެކޮމިޓީގެ ބޭނުންތަކަށް ވަކި ޚާއްސަ ތަނެއް ހުރުމުގެ މުހިންމުކަމާއި ލުއި ލޯނު ދޫކުރުމަށް މަގުފަހިކޮށްދިނުންފަދަ ކަންތައްތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރަށްތަކަށް ތަރައްޤީ ގެނަސްދެއްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލާ އ.ތ.މ. ކޮމެޓީއިން އެދިވަޑައިގަތް ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

