ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލައިފައި ތިބި 314 މީހަކަށް ކުރީ ސަރުކާރުން ވަނީ މާފުދީ މިނިވަންކޮށްފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އުމުރަށް ޖަލަށްލުމަށް މީހަކަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާމެދު ހިންގާ ވަރަށް ބޮޑު ތަހުގީގަކަށްފަހު ސާބިތުވާ މިންވަރަށް ބޮޑެތި ކުށްތަކެއް ފާހަގަވުމުންކަމަށެވެ.
ނަމަވެސް އެއާއެކު ވެސް އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ވަނީ އިންތިހާބާއި ދިމާކޮށް ބޮޑެތި ކުއްތަކާއި އަދި ރައީސް އަށް މާފުނުދެވޭ ވަރުގެ ކުއްތަކަކުގެ ހުކުމުގައި ތިބި ފަރާތްތަކަށް ވެސް މާފުދީފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ސްޕްރީމްކޯޓުގެ ފަނޑިޔާރުން ވެސް ވަނީ ނުރުހުން އަމާޒުކޮށްފައެވެ.

