ފޭސްބުކް އަށް ދިމާވި މައްސަލަ މުޅިން ހައްލުކޮށް އެމީހުން އެނބުރި އަތުވެއްޖެ ކަމަށް ފޭސްބުކް އިން ބުނެފިއެވެ.
ފޭސްބުކް ރަސްމީ ޕޭޖުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުން އެނބުރި އަތުވެއްޖެ ކަމަށެވެ. އަދި ނުވަދެވުނު މީހުންގެ ކިބައިން މާފަށް އެދޭކަމަށެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސް ފަދަ މެޓާ ހިއްސާވާ ޕްލެޓްފޯމްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ބަޔަކަށް އެ ޕްލެޓްފޯމްތައް މިރޭ ބޭނުން ނުކުރެވޭގޮތްވަނީ ވެފައެވެ.
ފޭސްބުކް އެކައުންޓްތަކުން ލޮގްއައުޓްވެ، އަލުން ލޮގިން ނުވުން ފަދަ ތަފާތު މައްސަލަތައް ބޭނުންކުރާ ފަރާތްތަކުން ދިޔައީ ރިޕޯޓް ކުރަމުންނެވެ.
ހަމައެފަދައިން އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ވެސް ފީޑްތައް ރެފްރެޝް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް މީހުންނަށް ސްޓޯރީތަކާއި ކޮމެންޓްތައް ލޯޑް ނުކުރެވެއެވެ. މެޓާ އިން އުފެއްދި އެޕްލިކޭޝަނެއް ކަމަށްވާ ތްރެޑްސް ވެސް މުޅިން ޝަޓްޑައުންވެ، ލޯންޗް ކުރާއިރު އެއާރ މެސެޖެއް ފެންނަން އެބަހުއްޓެވެ.
ފޭސްބުކް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނައަދަދަކަށް މީހުން ބޭނުންކުރާ ޝޯޝަލް މީޑިޔާ ޕްލެޓްފޯމް އެކެވެ.

