ތިނަދޫ ސިޓީ ގައި ހަރަކާތްތެރިވާ 2 ޖަމްޢިއްޔާ ކަމުގައިވާ ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) އަދި ގިރިންދާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ނައިޓް މާކެޓް ބޮޑު ތަރުހީބަކާ އެކު ތިނަދޫ ރައްޔިތުން އުފާ ކޮށްދިނުމަށް ފަހު ނިންމާލައިފިއެވެ.
ތިނަދޫ ގައި ވިޔަފާރި އަކަށް ޚާއްޞަ ކޮށްގެން އެފަދަ ބާޒާރެވެ ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން ބޭއްވި މި ބާޒާރު ކުރިޔަށް ގެންގޮސްފައި ވަނީ މި ހިގާ މާޗު މަހުގެ 1ން ފެށިގެންނެވެ.
ތިނަދޫ ސިޓީގެ ފްލެޓް ސަރަޙައްދުގައި ހަފްތާ އެއްހާ ދުވަހަށް ކުރިއަށް ގެންގޮސް ރޭ ނިންމާލި ނައިޓް މާކެޓަށް ވަރަށް ބޮޑު ތަރުތީބެއް ލިބިގެން ދިޔަ އިރު ވިޔަފާރިވެރިންނާއި އާންމުންނަށް މުދާ ވިއްކޭނެހެން ސްޓޯލްތައް ކުއްޔަށް ދީގެން ކުރިޔަށް ގެންދިޔަ މި ބާޒާރު ގައި ވަނީ ރޯދަ މަހަށް ޚާއްޞަކޮށް ވަރަށް ގިނަ ބާވަތްތަކުގެ މުދާ އަގުހެޔޮކޮށް ވިއްކާފައެވެ.

ތިނަދޫގައި ބޭއްވި ނައިޓު މާކެޓްގެ ތެރެއިން
ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ގިރިންދާ ޖަމިއްޔާގެ ރައީސް މުހައްމަދު ޖާވިދު ވިދާޅުވީ ވަރަށް ފޯރިއާއި ރޫޙުގައި ކުރިޔަށް ގެންދިޔަ ނައިޓް މާކެޓަކީ ވީޓް ޖަމްޢިއްޔާއިން އިސް ނަގައިގެން ގިރިންދާ ގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ބާޒާރެއް ކަމަށާއި މިއީ ވަރަށް ގިނަ ބައެއް ކުރަމުން ދިޔަ އިންތިޒާރަކަށް ފޮނި ނިމުމެއް ގެނައުމަށް ވީޓުން ނެގި ފިޔަވަޅެއް ކަމަށް ގިރިންދާ އިން ޤަބޫލު ކުރާ ކަމަށެވެ.
ބާޒާރާ ބެހޭގޮތުން ތިނަދޫ ރައްޔިތުން ބުނީ މިފަދަ ކަމެއް ތިނަދޫ ކައުނަސިލުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން އިސް ނަގައިގެން ކުރިޔަށް ނުގެންދާ ކަމީ ވަރަށް ހިތާމަކުރާ ކަމަށާއި 17 ވަރަކަށް ޖަމްޢިއްޔާ އޮންނަ ރަށުން 2 ޖަމްޢިއްޔާ އެއް ނަމަވެސް ގުޅިގެން ކުރިޔަށް ގެންދިޔައީ ނައިޓް މާކެޓް އަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ ،ވީޓް ގެ ރައީސާ މައުސޫމާ އަލީ ވިދާޅުވީ ނައިޓް މާކެޓަށް ވަރަށް ތަރުހީބެއް ރަށާއި ރަށުން ބޭރުން ވެސް ލިބިގެން ދިޔަ ކަމަށާއި ކޮންމެ އަހަރަކު ވެސް މި ފަދަ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ރަނގަޅު ކޮށް ފުޅާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުސޫމާ ވިދާޅުވީ ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔަ ނައިޓް މާކެޓް ގައި ފުވައްމުލަކު ސިޓީ ގެ ސިތާނާ ސްޓޯރ ގެ ބައިވެރިވުން ފެނުމަކީ މުޅި ބާޒާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

