ސަރުކާރުގެ މި ދައުރުގައި ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއީ އިބްރާހިމް ވަޖީހު ވިދާޅުވެއްޖެއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް މިހެން ވިދާޅުވީ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް މިއަދުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކަކީ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުތަކެއް ކަމަށެވެ.

އެމްޕީއެލްގެ މޯލްޑިވްސް މެރިޓައިމް އެކްސްޕޯ ކޮންފަރެސްގެ ބައިވެރިން/ ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމް.ޕީ.އެލްއިން ބާއްވާ ކޮންފަރެންސެކެވެ.
މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށެވެ.

އެމްޕީއެލްގެ މޯލްޑިވްސް މެރިޓައިމް އެކްސްޕޯ ކޮންފަރެސްގެ ބައިވެރިން/ ފޮޓޯ: އެމްޕީއެލް
އެއްދުވަހުގެ މުއްދަތަށް ވިލާ ނޯޓިކާ ރިސޯޓްގައި ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވަގުތެއް. ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، އަޅުގަނޑުމެންގެ މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި، މި ދާއިރާގެ މުސްތަޤްބަލް ބައްޓަންކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ،"
ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދު ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު، މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.

އެމްޕީއެލްގެ މޯލްޑިވްސް މެރިޓައިމް އެކްސްޕޯ ކޮންފަރެސްގެ ބައިވެރިން/ ފޮޓޯ: އެމްޕީއެލް
"މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި، ޓްރާންޝިޕްމަންޓް ޕޯޓަކާއެކު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅު ޕޯޓް ފެސިލިޓީ އަދި ލ.ގާދޫގައި ބަންކަރިންގ ޚިދުމަތްތައް ފެށުމަކީ ދިވެހިރާއްޖޭގެ (މެރިޓައިމް ދާއިރާއަށް) އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޕްރޮޖެކްޓްތައް،" ވަޖީހް ވިދާޅުވިއެވެ.
މި ކޮންފަރެންސް ބާއްވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.

އެމްޕީއެލްގެ މޯލްޑިވްސް މެރިޓައިމް އެކްސްޕޯ ކޮންފަރެސް/ ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން ވިދާޅުވީ، މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކް ހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުންކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެކަމަށެވެ.
މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.

